ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް، މަޝްހޫރު ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން މިއަދު ވަކިވެއްޖެ އެވެ.
"ޓޫ އޮފް އަސް" އިން ވަކިވުމާ ގުޅިގެން ޝަހީދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން ނިންމީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކަމާ މެދުގައި ވިސްނުމަށް ފަހުގައި ކަމަށާއި އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.
އެ ބޭންޑުން ވަކިވީ އެ ނޫން އިތުރު ގޮތެއް ނެތުމުން ކަމަށާއި ދިވެހި މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގުން މުހިންމު ކަމަށް އޭނާ ދެކޭތީ ކަމަށް ވެސް އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި ބުންޏެވެ.
ޝަހީދު ބުނި ގޮތުގައި "ޓޫ އޮފް އަސް" އިން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުމެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން، ބޭންޑުގައި ދެމިހުރުމަކީ ކުރެވޭނެ ކަމަކަށް ނުވީ ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް އުންމީދީ އަދި ހެޔޮ ނިޔަތަކާ އެކު ފެށި މި ދަތުރު، ބަދަލުވެގެން ދިޔައީ ނުތަނަވަސްކަމާއި ނޭދެވޭ ކަންތައްތަކުން ފުރިގެންވާ ހިތްދަތި ތަޖުރިބާއަކަށް. މިއީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، އަޅާނުލައި ދޫކޮށް ނުލެވޭ ކަހަލަ މައްސަލަތަކެއް ދިމާވުމުން މި ނިންމުން ނިންމަން މަޖުބޫރުވީ،" އޭނާ ބުންޏެވެ.
ޝަހީދު ބުނީ ބޭންޑުގެ ތެރޭގައި ފަންނީ ގޮތުންނާއި މަސައްކަތުގެ ގޮތުން ކުރިއަށް ދާން އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި ދެ ފަރާތުން އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ކުޑަވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝަހީދުގެ ބަޔާނުގައި ހުރި ވާހަކަތައް
- ބޭންޑުގެ މިއުޒިކީ މިސްރާބު އޭނާގެ ސްޓައިލާއި ކްރިއެޓިވިޓީއާ ދުރަށް ދިއުމުގެ އިތުރުން، އާ އުފެއްދުންތަކެއް ނެތުމުން ބޭންޑަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމަށް ހުރަސް އެޅުނު
-
ބޭންޑުގެ މިހާރުގެ އޮނިގަނޑު ރޭވިފައި އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ބަދަލުގައި، އެކަކު ބޭނުންވާ ގޮތަށް ހިންގާ "ވަން މޭން ޝޯ"އެއްގެ ގޮތަށް
- އޭނާ ބުނި ގޮތުގައި، އެންމެ ބޮޑު މާޔޫސްކަމެއް ލިބުނީ، މިއުޒިކީ ދާއިރާގައި އޭނާ ހޭދަކުރި 25 އަހަރުގެ ތަޖުރިބާއަށް އެއްވެސް ގަދަރެއް ނުވަތަ އިހުތިރާމެއް ނުބެހެއްޓުމުން
ޝަހީދު ބުނީ އެ ހުރިހާ ދަތިތަކަކާ އެކު ވެސް، "ޓޫ އޮފް އަސް"ގެ ނަމުގައި، އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ބައިވެރިވުމަށް ލިބުނު ފުރުސަތަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ.
އެ ކާމިޔާބީ ހޯދުމަށް އޭނާ ކުރި ބުރަ މަސައްކަތާއި އެ ބޭންޑަށް ލިބުނު ކާމިޔާބީއާ މެދުގައި ފަހުރުވެރިވާ ކަމަށާއި އެއީ އަބަދުވެސް އުފަލާ އެކު ހަނދާންކުރާނެ ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.
"ބޭންޑުގައި ބާކީ ތިބި މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދެން. އަހަރެން މި ކުރިއަށް ދަނީ އަމިއްލަ ނަފުސަށް އޮތް އިހުތިރާމާއި، ސާފު ސީދާ މިސްރާބަކާ އެކު، އަހަރެންގެ ފަންނުވެރިކަން ހަގީގީ ގޮތުގައި ދައްކުވައިދޭނެ މިއުޒިކީ މަސައްކަތްތަކަކާ އެކުގައި،" ޝަހީދު ބުންޏެވެ.
ޝަހީދު "ޓޫ އޮފް އަސް" އިން ވަކިވި އިރު، އެ ބޭންޑުގެ ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން ވަނީ މިދިޔަ އަހަރު މެދު ތެރޭގައި އެ ބޭންޑުން ވަކިވެފަ އެވެ. ނަސޫހު އެ ބޭންޑުން ވަކިވި ސަބަބެއް ނުބުނި ނަމަވެސް، އޭރު އަޑު ފެތުރުނު ގޮތުގައި، އޭނާ ވެސް އެ ބޭންޑުން ވަކިވީ އިހުތިރާމް ކުޑަވުމާ ގުޅޭ މައްސަލަތަކެއްގަ އެވެ.
"ޓޫ އޮފް އަސް" މަޝްހޫރުވީ އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރަން މިދިޔަ އަހަރު ލިބުނު ފުރުސަތާ އެކުގަ އެވެ. އެ މުބާރާތުން އެ ބޭންޑަށް ތިންވަނަ ލިބުނެވެ. އެ މަޝްހޫރު ކަމާ އެކު، އެ ބޭންޑުން ވަނީ މާލެ އާއި ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ޝޯތައް ދީފަ އެވެ.
އެ ބޭންޑު އުފެދުނުއިރު، ބޭންޑުގައި ފަސް މެމްބަރު ތިއްބެވެ. އެއީ ޝާހިދު އާއި ނަސޫހުގެ އިތުރުން ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމް އާއި އަބްދުﷲ ޝަމްރޫހް އަދި އަހްމަދު ޖަޝީމް އެވެ.