އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ޝޯއެއް އަންނަ އެޕްރީލް މަހު އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ރެޕް އާޓިސްޓް އަދި ޕްރޮޑިއުސަރު ކާންޔޭ، އޭނާގެ ފުރަތަމަ އޮފިޝަލް ކޮންސާޓް ޓުއާ އިންޑިއާއަށް ގެނައުމަށް ރާވަމުން އަންނަ ކަމަށެވެ.
މިއީ ކާންޔޭ އިންޑިއާގައި ލައިވްކޮށް ޕާފޯމްކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
ނަމަވެސް، ކާންޔޭ އިންޑިއާގައި ބާއްވާ ޝޯއާ ބެހޭ އިތުރު ތަފްސީލުތައް ނުވަތަ ބާއްވާ ސިޓީ އާއި ޓިކެޓްގެ މައުލޫމާތު އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ކާންޔޭ ވަނީ އޭނާގެ އަމިއްލަ ދަތުރެއްގައި 2009 ވަނަ އަހަރު އިންޑިއާއަށް ގޮސްފަ އެވެ. އަދި 2012 ވަނަ އަހަރު އޭނާގެ ފެޝަން ބްރޭންޑް އިޝްތިހާރު ކުރުމަށް މުމްބާއީ އަށް ވެސް ދިޔަ އެވެ.
ކާންޔޭ އަކީ 24 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އަދި މި ޒަމާނުގެ އެކި ސްޓައިލްތަކުގެ މިއުޒިކަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ އާޓިސްޓެކެވެ.
އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ސްޓްރޯންގާ" އާއި "ގޯލްޑް ޑިގާ" އަދި "ގުޑް ލައިފް" ހިމެނެ އެވެ.