ގައުމީ އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން ނުވަތަ ދިގު ފެތުމުގެ ގައުމީ ޗެމްޕިއަންކަން ޝައިމް ހުސައިން އިބްރާހީމާއި އަލްޔާ އަޝްރަފް ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޑަގިރީގައި ބޭއްވި އޯޕަން ވޯޓް ސްވިމިން ކޮމްޕްޓީޝަންގެ ފިރިހެނުންގެ އެލީޓް ބައި ނުވަތަ ފަސް ކިލޯމީޓަރުގެ ރޭހުން ޝައިމް އެއްވަނަ ހޯދީ ޔޫސުފް ޒިޔާން ޒާހިދާއި އަދި  އަހުމަދު މަންހަލް އަޒީމް ބަލިކުރުމަށް ފަހު އެވެ. 

އެ ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން އަލްޔާ ހޯދީ ލައިބާ ހަސަން މަނިކާ ވާދަކޮށެވެ.

ޒުވާން ފެތުންތެރިންގެ މެދުގައި ބޭއްވި ތިން ކިލޯމީޓަރުގެ ޖޫނިއާ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޔުއާން ޝަމީމެވެ. މި ބައިގެ ދެވަނަ މީކާއީލް ލައިލް އަބްދުލް އަލީމް ހޯދި އެވެ. ތިންވަނަ ހޯދީ އިސްމާއީލް ޒިވާން މުހައްމަދެވެ.

އަންހެން ޖޫނިއާ ޗެމްޕިއަންކަން ހޯދީ މަރިޔަމް އައިރާ ޝިރްނީލެވެ. ދެވަނައަށް ދިޔައީ އާމިނަތު ޝިއުމް ޝިހާމެވެ. އަދި ތިންވަނަ ހޯދީ އައިޝަތު ޒޯހާ އަބްދުالله ނަސީމެވެ.

މުބާރާތުގެ ތިން ކިލޯމީޓަރުގެ މާސްޓާސް ބައިގެ އެއްވަނަ ހޯދީ މުހައްމަދު އާމިރެވެ. ދެވަނަ ހޯދީ އަހުމަދު އާތިފެވެ. އަދި ތިންވަނަ ހޯދީ ހުސައިން ޝަމީމެވެ.

އެއް ކިލޯމީޓަރުގެ އޯޕަން ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު މިންއާމް އަބްދުލް މުހައިމިނެވެ. އަންހެން ބައިގެ އެއްވަނަ ހޯދީ ހައްވާ އާއިން ހަސަން ފަޔާޒެވެ.

ހަތަރު ކިލޯމީޓަރުގެ މިކްސްޑް ރިލޭގެ އެއްވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ޓީމު ޓައިޑް ބްރޭކާސް އެވެ. ދެވަނަ ހޯދީ ކްލަބް ބޮޑު ރިޔާގެ "ޓީމު އޭ" އެވެ. ތިންވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ބޯވާ ސްކޮޑެވެ.