މިހާރު ކުރިއަށްދާ ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ލޯންގްބޯޑްގެ ބްރޯންޒް މެޑަލް އަބްދުﷲ ލަތީފް (ޝެޑޯ) ހޯދައިފި އެވެ.
މިއީ ރާއްޖޭގެ ގައުމީ މުބާރާތުގެ ތާރީހުގައި ލޯންގްބޯޑް ކެޓަގަރީ ހިމެނި ފުރަތަމަ ފަހަރެވެ. ވާދަކުރި އެތުލީޓުން މަދުވުމުން ލޯންގްބޯޑް ފެށީ ވެސް ސެމީ ފައިނަލުންނެވެ. ގައުމީ މުބާރާތުގެ ލޯންގްބޯޑް ހީޓެއްގައި އެންމެ ފުރަތަމަ ވާދަކުރީ ލަތީފްގެ އިތުރުން އަބްދުﷲ އަރީފް (ފުކޫ) އަދި ހުސައިން ނިޒާމް އެވެ. އަރީފް ވަނީ ހީޓްގެ އެއްވަނަ ހޯދައި ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޝެޑޯ ބްރޯންޒް މެޑަލް ހޯދީ މިއަދު ހަވީރު ބޭއްވި ހީޓްގައި ނިޒާމް އާއި މުހައްމަދު އަގްލީމް ބީޓްކުރުމަށް ފަހު އެވެ.
ލަތީފް އެއްވަނަ ހޯދީ 7.50 ޕޮއިންޓް ސްކޯކޮށްގެންނެވެ. އޭނާގެ ފަސްވަނަ ރާޅުގައި 4.33 ޕޮއިންޓް ސްކޯކުރި އެވެ. ދެން އެންމެ ގިނައިން ސްކޯކުރީ ތިންވަނަ ރާޅުގަ އެވެ. އެ ރާޅުގައި އޭނާ ވާނީ 3.17 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ވަގުތު ހަމަވިއިރު ތިން ރާޅުން ނިޒާމް އަށް ސްކޯ ކުރެވުނީ 3.94 ޕޮއިންޓެވެ. އަގްލީމް އަށް ތިން ރާޅުން ސްކޯ ކުރެވުނީ 2.93 ޕޮއިންޓެވެ.
އާދިއްތަ ދުވަހު ބާއްވާ ލޯންގްބޯޑް ފައިނަލުގައި ވާދަކުރާނީ އަރީފް އާއި އިސްމާއީލް މިގްލާލް އެވެ. މިގްލާލް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލު ހީޓް 2 ގައި 14 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އަރީފް ވަނީ ވަނީ ހީޓް 1 ގައި 13.50 ޕޮއިންޓް ސްކޯކޮށްފަ އެވެ.