ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ސްޓޭޑިން ޕެޑަލް ސާފިން (ސަޕް ސާފިން) ގެ ފައިނަލްގައި ޕޮއިންޓުގެ ގޮތުން އެންމެ ފުރަތަމަ ލީޑުގައި އޮތީ މުހައްމަދު ތޮއްލަމް އެވެ. އެކަމަކު ތޮއްލަމް އަށް ހެދުނު ބޮޑު މިސްޓޭކަކުން މުހައްމަދު މުއާޒު (މުއާ) ކުރި އެރީ އެވެ.
މުއާޒު ވާދަކުރަން އޮތް ރާޅަކަށް ތޮއްލަމް ވާދަކުރުމުން އޭނާ އަށް ދޭން ކަނޑައެޅި ޕޮއިންޓް ފަނޑިޔާރުން ހިފެހެއްޓި އެވެ. ކައިރިކައިރީގައި ހަތަރު ރާޅަށް ވާދަކޮށް މުއާޒު ލީޑު ނެގި އެވެ. ފައިނަލް ހީޓްގައި މުއާޒަށް އެހެން ގޮތެއް ވެސް މެދުވެރިވި އެވެ. އޭނާ ކޭބަލް ކަނޑައިގެން ގޮސް ކަނދު އަތުން ދުވި އެވެ. ކޭބަލް އަލުން ގުޅައި ހީޓްގައި ވާދަކުރުމާ ދެމެދު ހަތަރު މިނެޓް މުއާޒު އަތުން ގެއްލުނެވެ. އެކަމަކު ނަތީޖާ އަނބުރާލައި މުބާރާތް ކާމިޔާބުކުރި އެވެ.
ކާމިޔާބަށް ފަހު މުއާޒް ބުނީ، ތޮއްލަމް އަކީ ސަޕް ސާފިންގައި އޭނާގެ މުދައްރިސް ކަމަށެވެ. އެހެންވެ ތޮއްލަމްއާ ވާދަކޮށް ޗެމްޕިއަންކަން ލިބިދާނެ ކަމަށް އޭނާ ހިއެއް ނުކުރެ އެވެ.
"ސަޕް ސާފިން އަށް އަޅުގަނޑު ވަރަށް އާ. ސަޕް ސާފިންގައި އަޅުގަނޑު ގިނަ އެއްޗިހި ދަސްކުރީ ވެސް ތޮއްލަމް ކައިރިން. މީގައި އަޅުގަނޑު ޓީޗަރެއްގެ ގޮތަށް ތޮއްލަމް ދެކެނީ،" ކާމިޔާބަށް ފަހު މުއާޒު ބުންޏެވެ.
މިއީ ރާއްޖޭގައި ރަސްމީ މުބާރާތެއްގެ ތެރޭ ސަޕް ސާފިން އިވެންޓް ހިމެނި ފުރަތަމަ ފަހަރެވެ. ސަޕް ސާފިންގެ ފުރަތަމަ ޗެމްޕިއަން މަގާމާ އެކު މުއާޒު ބުނީ އަންނަ އަހަރު ސަޕް ސާފިންގެ ޖޫނިއާ ކެޓެގަރީ އާއި އަންހެން ކެޓެގަރީ ހިމަނާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.
"ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިއީ ހުރިހާ ސާފިން އެތުލީޓުންނަށް ވެސް ލިބޭ، މި ފަހަރުގެ މުބާރާތުގައި ސަޕް ސާފިން އާއި ލޯންގްބޯޑް ހިމަނާފައި އޮތުން،"
އައްޑޫގައި ދިރިއުޅޭ ތޮއްލަމް ބުނީ ސާފިންގެ އެކި ކެޓެގެރީތައް ދަސް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުނު ކަމަށެވެ. ސްޓޭންޑަޕް ޕެޑަލިން އަށް ރަނގަޅު މާހައުލެއް އައްޑޫގެ އެކި ރާޅު ޕޮއިންޓްތަކުން ލިބޭތީ ސަޕްގައި ގިނަ ތަޖުރިބާތަކެއް އޭނާ ކުރި ކަމަށް ތޮއްލަމް ބުންޏެވެ.
"ޕެޑަލް ސާފިންގެ މިހާ ސަޅި އެއްޗަކަށްވީމަ އަބަދުވެސް އިނދޭ އެހެން ބަޔަކަށް މިކަން ދަސްކޮށްދިނުމުގެ ވިސްނުން. އެހެން ބަޔަކު ސްޓޭންޑްއަޕް ޕެޑަލިން އަށް ވެއްދޭތޯ ބެލުން އެއީ ކުރިން ސުރެ އަހަރެން ވިސްނަމުން ދިޔަ ކަމެއް،" ތޮއްލަމް ބުންޏެވެ.
ތޮޮއްލަމް ބުނީ ސްޓޭންޑްއަޕް ޕެޑަލިންގެ އުކުޅުތައް ދަސްކުރަން މުއާޒު އޭނާ އަށް ގުޅީ މިދިޔަ އަހަރު ކަމަށެވެ. މުއާޒު އެކަމަށް ބޭނުންވެފައި ހުރިވަރު ފެނުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް ތޮއްލަމް ބުންޏެވެ.
"މިހާރު މުއާ އެއިން ލެވަލްގައި އޭނާ ރާޅުމަތީގައި އިންނައިރު ބައެއް ފަހަރު އަހަންނަށް ހީވޭ އެއީ އަހަރެންހެން ވެސް. އަހަރެމެން ދެ މީހުން ވެސް ވަރަށް އެއް ސްޓައިލަކަށް ޓޭކްއޮފް ވެސް ހެދެނީ،" ތޮއްލަމް ބުންޏެވެ.
"އޭނާގެ އެ ކޮމިޓްމެންޓް ފެނުނީނަމަ އަހަރެން ވަރަށް އެގްސައިޓްވި،" ތޮއްލަމް ބުންޏެވެ.
އޭނާ ބުނީ ފައިނަލްގައި ވާދަކޮށް އޭނާ އަށް ނާކާމިޔާބު ވިޔަސް މާޔޫސްކަމެއް ނެތް ކަމަށެވެ. އެއަށް ވުރެ ބޮޑަށް އޭނާ ބޭނުންވެފައި ހުރީ ސަޕް ސާފިން ރަސްމީ މުބާރާތްތަކުގެ ތެރޭގައި ހިމެނިގެން ދިއުން ކަމަށް ތޮއްލަމް ބުންޏެވެ.
"އަހަންނަށް ވެސް މިސްޓޭކްތަކެއް ހެދިގެން ފައިނަލް އަތުން ދޫވީ. އެކަމަކު މުއާ މި ކާމިޔާބު ހޯދީމަ އަހަރެން ވެސް އުފާވެއްޖެ،" ތޮއްލަމް ބުންޏެވެ.
"އެއީ އަހަރެން ބޭނުންވީ ސަޕްގައި ބަޔަކު ވާދަކުރާތަން ބަލަން. ނެޝަނަލް މުބާރާތްތަކުގައި މީތި ހިމެނޭތަން ފެންނަން. މިފަހަރު މުބާރާތުން އެކަން މިފެނިގެން ދިޔައީ."