ގައުމީ ރާޅާ އެޅުމުގެ މުބާރާތުގައި ލޯންގްބޯޑްގެ ޗެމްޕިއަންކަން ހޯދުމަކީ އޭނާ އަށް ލިބުނު ހާއްސަ ކާމިޔާބެއް ކަމަށް ރާއްޖޭގެ ފުރަތަމަ ލޯންގްބޯޑް ޗެމްޕިއަން އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) ބުނެފި އެވެ.

މިހާރު ކުރިއަށްދާ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ލޯންގްބޯޑް ފައިނަލްގައި އިސްމާއީލް ކާމިޔާބު ހޯދީ މުބާރާތުގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ވެސް ރަނގަޅު ފޯމެއްގައި ހުރި އަބްދުﷲ އަރީފް (ފުކު) އާ ވާދަކޮށެވެ.

ކުރިން ޝޯޓްބޯޑްގެ މައްޗަށް ބިނާވެފައި އޮތް ގައުމީ މުބާރާތުގައި މިފަހަރު ލޯންގްބޯޑްގެ އިތުރުން ސްޓޭޑިން ޕެޑަލް ސާފިން ވެސް ވަނީ ހިމަނައިފަ އެވެ. އަދި ކުރިން ހަމައެކަނި ފިރިހެން އެތުލީޓުން އެކަނި ވާދަކުރާ ގައުމީ މުބާރާތުގައި ޝޯޓްބޯޑް އަންހެން ކެޓެގެރީ ވެސް ވަނީ ބާއްވައިފަ އެވެ.

"މިހާރު" އިން ވާހަކަ ދެއްކި ހުރިހާ ސާފިން އެތުލީޓުން ވެސް ބުނެފައި ވަނީ މިފަހަރުގެ ގައުމީ މުބާރާތަކީ ހާއްސަ މުބާރާތެއް ކަމަށެވެ. އިއްޔެ ބޭއްވި ލޯންގްބޯޑްގެ ކާމިޔާބަށް ފަހު އިސްމާއީލް ވެސް ބުނީ އޭނާ އަށް އެ ކާމިޔާބު ވަރަށް ހައްސަ ކަމަށެވެ.

"އެންމެ ބޮޑު އުފަލަކީ ވެސް ރާއްޖޭގައި ފުރަތަމަ އަލަށް ލޯންގްބޯޑް ބާއްވައިގެން ފުރަތަމަ ޗެމްޕިއަނަނަށް ވީމަ،" މީގެ ކުރިން ގައުމީ މުބާރާތުގެ ޝޯޓްބޯޑް ޗެމްޕިއަންކަން ވެސް ހޯދި އިސްމާއީލް ބުންޏެވެ.

"ލޯންގްބޯޑަކީ ވަރަށް ސަޅި އެއްޗެއް. ޝޯޓްބޯޑަށް ވުރެ އެންޖޯއި. ބޯޑްމަތީގައި ދުވެލާ ވަރަށް ކޮމްފަޓް ފީލެއްގައި ދުއްވާލެވޭ އެއްޗެއް. އަނެއްކާ މީތި އެމްއެސްއޭ [މޯލްޑިވްސް ސާފިން އެސޯސިއޭޝަން] އިން އަލަށް ބޭއްވިމަ ވަރަށް އުފާވޭ."

ލޯނގްބޯޑް ފައިނަލުގައި އިސްމާއީލް ވަނީ އޭނާގެ ފުރަތަމަ ދެ ރާޅުން ވެސް މަތީ ސްކޯއެއް ހޯދައިފަ އެވެ. ފުރަތަމަ ރާޅުގައި 5.50 ސްކޯ ކުރި އެވެ. ދެވަަނަ ރާޅުގައި 6.33 ޕޮއިންޓް ސްކޯ ކުރި އެވެ. އަށް ރާޅުގައި އޭނާ ޖުމުލަ ސްކޯކުރީ 11.83 ޕޮއިންޓެވެ. އަރީފް އަށް ސްކޯ ކުރެވުނީ 7.23 ޕޮއިންޓެވެ.

އިސްމާއީލް ބުނީ ގައުމި މުބާރާތުގެ ލޯންގްބޯޑަށް ހާއްސަކޮށްގެން އޭނާ މާގިނަ ޕްރެކްޓިސްތަކެއް ނުކުރާ ކަމަށެވެ. ފޫހިފިލުވުމުގެ ގޮތުން އަބަދުވެސް ކަނދު ހިފައިގެން ރާޅުތަކުގެ ތެރެއަށް ނުކުންނަ ކަމަށް އޭނާ ބުންޏެވެ.

"ލޯންގްބޯޑަކީ ވަރަށް ބޮޑު ފަންއެއް. މާބޮޑެތި ރާޅުތަކެއް ނެތް ނަމަވެސް ފަސޭހައިން ކޮށްލެވޭނެ ކަމެއް. ކުދިކުދި ރާޅުގައި ވެސް ފަންއެއްގެ ގޮތަށް ވެސް އަބަދުވެސް މިކަން ކޮށްއުޅެނީ،" އިސްމާއީލް ބުންޏެވެ.

ގައުމީ މުބާރާތުގައި މިއަދަކީ އެންމެ ފަހު ދުވަހެވެ. ޝޯޓްބޯޑް އާއި މާސްޓާސް ކެޓެގެރީ އަދި 18 އަހަރުން ދަށުގެ ސެމީ ފައިނަލާއި ފައިނަލް ވެސް މިއަދު އޮންނާނެ އެވެ.