އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި ބަޒޫކާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 14-0 އިން މޮޅުވެ، އެޕެކްސް ސްޕޯޓްސް ކުލަބުން އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފަ އެވެ.
އެޕެކްސް އިން މިއަދުގެ މެޗު ކާމިޔާބު ކުރުމުން އެ ޓީމު ވަނީ ޑޮޓްކޮމް ސްޕޯޓްސް ކުލަބާއި ކުރެންދޫ ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ތިން ޓީމަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު އެޕެކްސް އަށް އެއްވަނަ ލިބުނީ ފައިދާ 19 ގޯލާ އެކު އެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު ބުރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
މުބާރާތުގެ ފައިނަލުގައި އެޕެކްސްއާ ދެކޮޅަށް ނުކުންނާނީ ފައިދާ، އަށް ގޯލާ އެކު ދެވަނައިގައި ނިންމި ޑޮޓްކޮމް ސްޕޯޓްސް ކުލަބެވެ. ތިންވަނައިގައި ނިންމި ކުރެންދޫ އަށް ލިބިފައި ވަނީ ފައިދާ އެއް ގޯލެވެ. އައިޑިއަލް މޫވްމަންޓާއި ބަޒޫކާ ވަނީ މާ ކުރިން މުބާރާތުން ކަޓައިފަ އެވެ.
ނައިފަރު ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގެ ނަތީޖާއަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެޕެކްސްގެ ފާތިމަތު މިއުސާ މެޗުގައި ފަސް ލަނޑު ޖެހިއިރު، ލަނޑު ލިސްޓުގެ އެއްވަނައިގައި އޭނާ އޮތީ ހަތަރު މެޗުން 11 ލަނޑު ޖަހައިގެންނެވެ.
އެޕެކްސްގެ ފިރުޝާނާ ނަސީރާއި ރަމްޝާ އަހުމަދު ސިމާން ވެސް ވަނީ މިއަދުގެ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. ބާކީ ލަނޑުތައް ޖެހީ އައިމިނަތު މައިސާ މުހައްމަދާއި އައިޝަތު ޔަނާލް އަހުމަދެވެ. މައިސާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
ޑޮޓްކޮމްއާ ދެކޮޅަށް އެޕެކްސް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.