ނައިފަރުގައި މިހާރު ކުރިޔަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ފުޓުބޯޅަ މުބާރާތުގައި އައިޑިއަލް މޫވްމަންޓާ ވާދަކޮށް 3-1 އިން މޮޅުވެ ފައިނަލުގެ ޖާގަ ޑޮޓްކޮމް ސްޕޯޓްސް ކުލަބުން ޔަގީންކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗާ އެކު ޑޮޓްކޮމް ވަނީ ނުވަ ޕޮއިންޓާ އެކު ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. ހުރިހާ މެޗެއް ކުޅެގެން ކުރެންދޫ ސްޕޯޓްސް ކުލަބަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޑޮޓްކޮމް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ހަ ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ އެޕެކްސް ސްޕޯޓްސް ކުލަބެވެ.
މި ބުރުގައި ބާކީ އޮތީ މިއަދު ހަވީރު އެޕެކްސް ސްޕޯޓްސް ކުލަބާއި ބަޒޫކާ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗެވެ. އެޕެކްސް އިން ފައިނަލުގެ ޖާގައެއް ހޯދަން މިއަދުގެ މެޗު ކާމިޔާބުކުރަން މަޖުބޫރެވެ. އެޕެކްސްގެ ފުރަތަމަ މެޗުގައި 2-0 އިން ޑޮޓްކޮމް ބަލިކޮށްފައިވާއިރު ދެވަނަ މެޗުގައި ކުރެންދޫއާ ވާދަކޮށް ބަލިވީ 2-1 އިންނެވެ. ނަމަވެސް ތިންވަނަ މެޗުގައި 6-2 އިން އެޕެކްސް ބަލިކޮށް އުންމީދު އާކުރި އެވެ.
މިއަދުގެ މެޗު ކާމިޔާބު ކޮށްގެން އެޕެކްސް އަށް ޑޮޓްކޮމް އާއި ކުރެންދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވުނަސް، ފައިދާ ގޯލުގެ ތަފާތުން އެޕެކްސް އަށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ޑޮޓްކޮމް އަށް ފައިދާ، އަށް ގޯލު ލިބިފައިވާއިރު ކުރެންދޫއަށް ލިބެނީ ފައިދާ އެއް ގޯލެވެ. އެޕެކްސް އަށް ފައިދާ ފަސް ގޯލެވެ.
މިއަދުގެ މެޗުގައި ޑޮޓްކޮމްގެ ގޯލުތައް ޖަހައިދިނީ މަރިޔަމް ނޫރާ އާއި ޝަހުލާ ތައުފީގެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ނޫރާ ވަނީ މި މެޗުގައި ދެ ގޯލު ޖަހައިދީފަ އެވެ. އައިޑިއަލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އައިޝަތު އަހުލާމް އެވެ.
ނޫރާ އާއި ޝަހުލާ ވަނީ މުބާރާތުގައި ފަސް ގޯލު ޖަހައިފަ އެވެ. މި ދެ ކުޅުންތެރިންނަށް ވުރެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ ހަ ގޯލު ޖަހައިގެން، އެޕެކްސްގެ ފާތިމަތު މިއުސާ އެވެ. ކުރެންދޫގެ މަރިޔަމް ސޮބާ އާއި ފާތިމަތު ޝުއާއު އަދި އައިޑިއަލްގެ ސަފިއްޔާ ރަފާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.