08 ޖެނުއަރީ 2022 - 21:44
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާ އެކު 1-0 އިން އެޕެކްސް ސްޕޯޓްސް ކްލަބް ބަލިކޮށް ޑޮޓްކޮމް ސްޕޯޓްސް ކުލަބުން އެފްއޭއެމް އިންވިޓޭޝަން ކަޕް ކާމިޔާބުކޮށްފި އެވެ.
ފަސް ޓީމާ އެކު ނައިފަރުގައި މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފެށި އަންހެން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ދަތުރުކުރީ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ގޮތުގަ އެވެ. ލީގު ބުރުގެ ހަތަރު މެޗު ކުޅެ ނިމުނުއިރު އެޕެކްސް އާއި ޑޮޓްކޮމް އަދި ކުރެންދޫ ސްޕޯޓްސް ވެސް ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައި ވާއިރު، ޑޮޓްކޮމް އާއި އެޕެކްސް ވަނީ ފައިދާ ގޯލުން ކުރެންދޫ އަށް ވުރެ ކުރި ހޯދައިފަ އެވެ.
ލީގު ބުރުގައި ޑޮޓްކޮމް ބަލިވީ އެޕެކްސް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެޕެކްސް ވަނީ 2-0 އިން އެ މެޗް ކާމިޔާބުކޮށްފަ އެވެ.
ނައިފަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެން ދަނިކޮށް ޑޮޓްކޮމް އިން ލީޑު ނެގީ އެންމެ ފަހު ވަގުތު އެޕެކްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޑޮޓްކޮމްގެ ޝަހުލާ ތައުފީގު ކޯނަރަކުން ނެގި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަނީ އެޕެކްސްގެ ފާތިމަތު މިއުސާ ފައިގައި ޖެހިފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑޮޓްކޮމްގެ ޝަހުލާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެޕެކްސްގެ މިއުސާ އެވެ. އޭނާ ވަނީ މުބާރާތުގައި 11 ލަނޑު ޖަހައިފަ އެވެ. މި މުބާރާތުގެ ފެއާޕްކޭ ޓީމަކަށް ހޮވުނީ ކުރެންދޫ ސްޕޯޓްސް އެވެ.
ނައިފަރުގައި ކުރިޔަށް ގެންދިޔަ މި މުބާރާތަށް ފަހު އެފްއޭއެމުން ވަނީ ހދ. ކުޅުދުއްފުށްޓާއި ލ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން، މާލޭގައި ވެސް ދިވެހި ޕްރިމިއާ ލީގު އަށް ކުލަބުގެ އަންހެން ފުޓުބޯޅަ ޓީމު ހިމެނޭހެން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ނިންމައިފަ އެވެ.
އިންވިޓޭޝަނަލް މުބާރާތްތަކަށް ފަހު، އެ މުބާރާތްތަކުގެ ޗެމްޕިއަނުންގެ މެދުގައި ފައިނަލް ބުރެއް ކުޅެ، ރާއްޖޭގެ އަންހެން ޗެމްޕިއަނުން ކަނޑައަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއަދުުގެ ފައިނަލް މެޗް ކާމިޔާބުކޮށް ޑޮޓްކޮމް ވަނީ ފައިނަލް ބުރުން ޖާގަ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy