ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު އެޕެކްސް ސްޕޯޓްސް ކުލަބު އަތުން 6-2 އިން ބަލިވެ، އައިޑިއަލް މޫވްމެންޓް މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގެ ލީގު ބުރުގައި އައިޑިއަލް އަށް ބާކީ އެއް މެޗު އޮއްވައި އެ ޓީމު ކެޓިއިރު، މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވީ ބަޒޫކާ ސްޕޯޓްސް ކުލަބު އަތުންނެވެ. ކުރެންދޫ ސްޕޯޓްސް ކުލަބު އަތުން ވެސް އައިޑިއަލް ވަނީ ބަލިވެފަ އެވެ. ތިން ޕޮއިންޓާ އެކު އައިޑިއަލް އޮތީ ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.

މިއަދުގެ ނަތީޖާއާ އެކު އެޕެކްސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން، ފައިދާ ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ އިއްޔެ ހަވީރު ކުރެންދޫ ސްޕޯޓްސް ކުލަބު 4-1 އިން ބަލިކުރި ޑޮޓްކޮމް ސްޕޯޓްސް އެވެ.

އިއްޔެގެ މެޗާ އެކު ކުރެންދޫ އަށް ލީގު ބުރުގެ ހަތަރު މެޗު ވެސް ނިމިފައިވާއިރު އެ ޓީމު އޮތީ ތިން މެޗު ކާމިޔާބުކޮށްގެން ހޯދި ނުވަ ޕޮއިންޓާ އެކު އެއްވަނައިގަ އެވެ. ޑޮޓްކޮމް އާއި އެޕެކްސް އަށް ވެސް މި ބުރުގައި ބާކީ އެއް މެޗު އެބަ އޮތެވެ.

ލީގު ބުރުގައި ބާކީ ހުރި މެޗުތައް:

4 ޖެނުއަރީ 2022: ޑޮޓްކޮމް - އައިޑިއަލް

5 ޖެނުއަރީ 2022: އެޕެކްސް - ބަޒޫކާ

ކުރެންދޫ އެއްވަނައިގައި އޮތް ނަމަވެސް ޑޮޓްކޮމް އަދި އެޕެކްސް އަށް ވެސް ވަނީ ކުރިޔަށް އޮތް ދެ މެޗް ކާމިޔާބު ކޮށްގެން އަމިއްލަ ބާރުގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. އެއީ ތިން ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވުމުން އެއްވަނަ އަދި ދެވަނަ ހޮވަން ފައިދާ ގޯލުގެ އަދަދަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ޑޮޓްކޮމް ދެވަނައިގައި އޮތީ 10 ގޯލު ޖަހައިގެން ފައިދާ ހަ ގޯލާ އެކު އެވެ. އަދި ނުވަ ގޯލު ޖަހާފައިވާ އެޕެކްސް އަށް ލިބިފައި ވަނީ ފައިދާ ފަސް ގޯލެވެ. ހަތަރު މެޗުން ނުވަ ގޯލު ޖަހާފައިވާ ކުރެންދޫ އަށް ލިބިފައި ވަނީ ފައިދާ އެއް ގޯލެވެ.

ޑޮޓްކޮމްގެ މަރިޔަމް ނޫރާ (ވ)، އެޕެކްސްގެ ފާތިމަތު މިއުސާ (މ)، އަދި ޑޮޓްކޮމްގެ ޝަހުލާ ތައުފީގް (ކ).-- ފޮޓޯ: އެފްއޭއެމް
ޑޮޓްކޮމްގެ މަރިޔަމް ނޫރާ (ވ)، އެޕެކްސްގެ ފާތިމަތު މިއުސާ (މ)، އަދި ޑޮޓްކޮމްގެ ޝަހުލާ ތައުފީގް (ކ).-- ފޮޓޯ: އެފްއޭއެމް

އެޕެކްސްގެ ފާތިމަތު މިއުސާ ވަނީ މިއަދުގެ މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. ކުރެންދޫ އާއި ޑޮޓްކޮމް އާ ދެކޮޅަށް ވެސް ލަނޑު ޖެހި މިއުސާ ވަނީ މިއަދު ޖެހި ލަނޑުތަކާ އެކު ޖުމްލަ ހަ ގޯލު ޖަހައިގެން މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައަށް ޖެހިލައިފަ އެވެ.

ހަތަރު ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ ދެވަނައިގައި ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެއީ ކުރެންދޫގެ މަރިޔަމް ސޮބާ އާއި ފާތިމަތު ޝުއާއުގެ އިތުރުން ޑޮޓްކޮމްގެ ޝަހުލާ ތައުފީގާއި އައިޑިއަލްގެ ސަފިއްޔާ ރަފާ އެވެ. ޑޮޓްކޮމްގެ މަރިޔަމް ނޫރާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ސަސްޕެންޝަނުގެ ސަބަބުން އައިޑިއަލްގެ ސަފިއްޔާ ރަފާ މިއަދުގެ މެޗުގައި ނުކުޅެ އެވެ. އޭނާއަށް ވަނީ ކުރެންދޫ އަތުން އެޓީމު 3-2 އިން ބަލިވި މެޗާއި، ބަޒޫކާ އަތުން 5-1 އިން މޮޅުވި މެޗުގައި ރީނދޫ ކާޑު ދައްކައިފަ އެވެ.