ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވޯ ބާބާ ހަމަޖައްސައިފި އެވެ.
ބަންގްލަދޭޝްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ކުރިން މަސައްކަތް ކުރި ބާބާ، ރާއްޖޭގެ އަންހެން ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގެ އަންހެން ޓީމުގެ ކޯޗު ކަމަށް ބާބާ ހަމަޖެއްސުމަށް މިދިޔަ އަހަރު ބާބާއާ އެކު އެއްބަސްވެފައިވާ ކަމަށް ޓްރާންސްފާ މާކެޓް ޑޮޓްކޮމް އިން ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރާއްޖޭގެ ކޯޗުގެ ގޮތުގައި ބާބާ، މިއަދު ތައާރަފްކޮށްދެއްވައިފަ އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ، ބާބާ ވަނީ މީގެ ކުރިން މޮންގޯލިއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި އޮމާންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. ބާބާ އަކީ ގައުމީ އަންހެން ޓީމަށް އިރުޝާދުދޭ ބިދޭސީ ދެވަނަ ކޯޗެވެ. މީގެކުރިން ޖަޕާންގެ އެފްއޭގެ އެހީއާ އެކު ޖަޕާންގެ އަންހެން ކޯޗު ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗް) ރާއްޖޭގައި މަސައްކަތްކުރި އެވެ.
މިދިޔަ އަހަރު ކުޅުނު އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވަގުތީ ކޯޗެއްގެ ގޮތުގައި ގައުމީ ޓީމަށް އިރުޝާދު ދިނީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) އެވެ. ފީފާގެ އެވޯޑްގައި އަންހެން ފުޓްބޯޅައިގެ ވަނަތައް ހޮވުމަށް ގައުމުތަކުގެ ސީނިއާ އަންހެން ޓީމުތަކުގެ ކޯޗުންނަށް ފީފާއިން ހުޅުވައިލި ފުރުސަތުގައި ރާއްޖޭގެ ކޯޗުގެ ގޮތުގައި ވޯޓް ދީފައި ވަނީ މަރްޔަމް މިރްފަތު އެވެ.