ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ޅ. ޅައިމަގުގައި ކޮމިއުނިޓީ ބީޗެއް ހަދައިފި އެވެ.
އެއީ އެ ސަރަހައްދަށް ދަތުރުގޮސް އުޅެ މީހުންނަށް ބާބަކިއު ހަދައި ޕިކްނިކް ހެދޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އެ ތަނުގައި ހަޓާއި ބެންޗުތަކާއި ޖޯލި ވެސް ވަނީ ބަހައްޓައިފަ އެވެ.
މީގެ އިތުރުން އެ ތަނުގައި ބީއެމްއެލުން ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑު ވަގުތު ވެސް އެ ރަށުގެ މީހުންނަށް އެ ސަރަހައްދު ބޭނުން ކުރެވޭ ގޮތް ހަދައިފަ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާއްމުންގެ ފައިދާ އަށް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ބިއެމްއެލުން ހުޅުވާލި ފަންޑެކެވެ. އެ ފަންޑުގެ ދަށުން އެހީވަނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށެވެ.
ކޮންމެ ކުއާޓަރެއްގައި ވެސް ބީއެމްއެލުން ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭއިރު މިހާތަނަށް އެ ބޭންކުން ވަނީ 65 ޕްރޮޖެކްޓެއް ހިންގަން ފައިސާގެ އެހީ ދީފަ އެވެ.