ދިރާގުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި އެންމެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި އެވެ.
ދިރާގުގެ މުވައްޒަފުންނަށް ކްރޮސް ރޯޑްސްގައި މިރޭ ބޭއްވި އަހަރީ އެވޯޑް ހަފްލާގައި، އެ ކުންފުންޏަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރި އެވެ. އޭގެތެރޭގައި އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި 102 މުވައްޒަފަކަށް އެވޯޑް ދީފައިވެ އެވެ.
މީގެ އިތުރުން ޑިވިޝަން މެރިޓް އެވޯޑު 14 މުވައްޒަފަކަށާއި ސްޕެޝަލް މެރިޓް އެވޯޑު 12 މުވަައްޒަފަކަށް ދިނެވެ. އަދި އިނޮވޭޝަން އެވޯޑު ތިން މުވައްޒަފަކަށް ދިން އިރު ދެ މުވައްޒަފަކަށް އައުޓްސްޓޭންޑިން ލީޑާ އެވޯޑް ދީފައިވެ އެވެ.
ޗެއާމަންގެ އެވޯޑު ލިބުނީ، ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އިންޖިނިއަރު އިބްރާހިމް ޔާސިރަށެވެ. މި އެވޯޑް އޭނާއަށް ލިބުނީ މިދިޔަ އަހަރު ކާމިޔާބު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުންނެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވައިފަ އެވެ.
ދިރާގުގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރަން ސްޓާފް އެވޯޑް ނައިޓް ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ.