ޓުވީޓްތައް އެޑިޓް ކުރެވޭނެ ބަޓަންއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓުވިޓާއިން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެޑިޓް ބަޓަންއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓުވިޓާއިން ބުނީ އެ ކުންފުނީގެ ބޯޑް މެމްބަރެއް ކަމަށްވާ އަދި މިހާރު އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ވެސް ކަމަށްވާ މަހުޖަނު އީލޮން މަސްކް އެކަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޕޯލްއެއް ހުޅުވާލައިގެން އުޅެނިކޮށެވެ.
ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން ބައިވެރިވި އެ ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، 73 ޕަސެންޓް މީހުން އެއްބަސްވީ އެ ފީޗާ ބޭނުންވާ ކަމަށެވެ.
"މިހާރު އެންމެން ވެސް އަހާތީ ބުނެލަން... އާނ، މިދިޔަ އަހަރުން ފެށިގެން އަހަރެމެން މި އަންނަނީ އެޑިޓް ބަޓަންއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން،" ޓުވިޓާއިން ކުރި ޓުވީޓެއްގައި ބުންޏެވެ.
ޓުވިޓާ ބޭނުންކުރާ މީހުން، އެޑިޓް ބަޓަންއެއް ދިނުމަށް އެދޭތާ މިހާރު ކިތައްމެ އަހަރެއްވެއްޖެ އެވެ. އެއީ ކޮންމެ ދުވަހަކުހެން ދެކެވޭ ވާހަކައެކެވެ. އެ ކުންފުނިން ބުނި ގޮތުގައި އީލޮން މަސްކް ބޯޑް މެމްބަރަކަށް ވުމުގެ މާ ކުރިން ވެސް އެޑިޓް ބަޓަން ތައާރަފުކުރުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޓުވިޓާއިން ބުނި ގޮތުގައި ވަރަށް އަވަހަށް އެ ފީޗާ ޓެސްޓްކުރަން ފަށާނެ އެވެ. އެންމެ ފުރަތަމަ އެ ފީޗާ ބޭނުންކުރެވޭ ގޮތް ހަދާނީ، މަހު ފީ ދައްކާ ގޮތަށް ޓުވިޓާ އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އެކަންޏެވެ.