ޕެރިސް (މެއި 21) - ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހު، ކިލިޔަން އެމްބާޕޭ ޕީއެސްޖީއާއެކު އެއްބަސްވުން އާ ކުރަން ނިންމައިފި އެވެ.
ޕީއެސްޖީއާއެކު 2017 ގައި އެމްބާޕޭ ހެދި އެއްބަސްވުން، އަންނަ މަހު ހަމަވާނެ އެވެ. ރެއާލް އިން މަސައްކަތް ކުރީ ފުރީ ޓްރާންސްފާގައި އެމްބާޕޭ އެޓީމަށް ގެންދިއުމަށެވެ. އެމްބާޕޭ ވަނީ ރެއާލް އާއެކު ވެސް ގިނަ މަޝވަރާތަކެއް ކޮށްފަ އެވެ. ޕީއެސްޖީން ވަނީ ކުރިން ފެށިގެން އޭނާ އަށް ހުށަހަޅައިފައިވާ ޕެކޭޖް މިމަހު އިތުރަށް ބޮޑުކޮށްފަ އެވެ.
އެމްބާޕޭގެ މަންމަ، ފޭޒާ، ފްރާންސްގެ މީޑިއާތަކަށް ބުނެފައި ވަނީ ދެ ކްލަބުން ހުށަހަޅައިފައިވާ ޕެކޭޖަކީ ވެސް އޭނާގެ ދަރިފުޅަށް ބަލައިގަނެވޭނެވަރުގެ ދެ ހުށަހެޅުން ކަމަށެވެ.
ކުޅުންތެރިންގެ ޓްރާންސްފާ މާކެޓްގެ އެކްސްޕާޓް، ފެބްރިޒިއޯ ރޮމާނޯ ބުނިގޮތުގައި ޕީއެސްޖީއާއެކު ކުރިއަށް ދާން ނިންމިކަން ހާމަކުރުމަށް، އެމްބާޕޭ އަމިއްލަ އަށް ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ގުޅައި އެކަން އަންގައިފަ އެވެ.
އެމްބާޕޭ އަށް ޖާގަ ދިނުމުގެ ގޮތުން ރެއާލް އިން ދިޔައީ ބައެއް ކުޅުންތެރިން ދޫކޮށްލަން ތައްޔާރު ވެފަ އެވެ. އެގޮތުން މާކޯ އެސެންސިއޯ ވެސް އެހެން ކްލަބަކަށް ވިއްކާލުމަށް ރެއާލްއިން ތައްޔާރުވި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. މި ސީޒަންގައި ކޮންޓްރެކްޓް ހަމަވާ ގެރެތު ބޭލް އާއި އިސްކޯ އާލާކޯން ވެސް އެހެން ކްލަބްތަކަށް ބަދަލު ވާނެ އެވެ. ހިލޭ ޓްރާންސްފާގައި ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ލައްވައި ރެއާލްއިން ވަނީ ސޮއި ކުރުވާފަ އެވެ.
މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާ، ޕޯލް ޕޮގްބާ ގެނައުމަށް ވެސް ޕީއެސްޖީން މަސައްކަތް ކުރި އެވެ. އެކަމަކު މިހާރު ޕޮގްބާ ގެންދިއުމުގެ ރޭހުގައި ކުރިގައި އުޅެނީ އޭނާ، 2012-2016 އަށް ކުޅުނު ޔުވެންޓަސް އެވެ.