މާޒިޔާގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިންޑިއާގެ ގަދަބާރު އޭޓީކާ މޯހަން ބަގާން، އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލް ބުރަށް ދަތުރުކޮށް ދި އެވެ.
ދެކުނު އޭޝިއާ ޒޯނުން އެ ބުރަށް ދަތުރު ކުރާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. މާޒިޔާ އާއި މޯހަން ބަގާން މެޗަށް ނުކުތުމުގެ ކުރިން އަނެއް ބުރަށް ދަތުރު ކުރުމުގެ އިންތިޒާރުގައި އޮތީ މިއަދު، އިންޑިއާގެ ގޯކުލަމް ކެރަލާގެ މައްޗަށް 2-1 ކާމިޔާބު ހޯދި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އެވެ.
މޯހަން ބަގާން އާއި ބަށުންދަރާ އަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ދެ ޓީމު އެއްވަރުވެއްޖެނަމަ ބަލާނީ ހެޑް ޓް ހެޑަށެވެ. ހެޑް ޓް ހެޑްގައި ވެސް އަދި ގޯލްގެ ތަފާތުން ވެސް އެއްވަނަ ލިބުނީ މޯހަން ބަގާން އަށެވެ. މިއީ އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީގެ ބުރަށް މޯހަން ބަގާން ދަތުރުކުރި ވިދިވިދިގެން ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖް ބުރުން ވެސް އަނެއް ބުރަށް ދަތުރުކުރީ މޯހަން ބަގާން އެވެ.
މިފަހަރުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ގެންދިޔައީ އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. މޯހަން ބަގާންގެ ހޯމް ދަނޑުގައި ގުރޫޕް ސްޓޭޛް ކުރިއަށް ގެންދިއުމުގެ ފައިދާ އެޓީމުން ވަރަށް ރަނގަޅަށް ނެގި އެވެ. މިރޭ މާޒިޔާ އާ ދެކޮޅަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މެޗުގައި ގާތްގަނޑަކަށް 10 މިނެޓްތެރޭ ދެ ލަނޑު ޖެހި އެވެ.
ފުރަތަމަ ދެ ލަނޑު ޖެހީ އެޓީމަށް ކުޅޭ ފިންލެންޑްގެ ކުޅުންތެރިޔާ ޖޯނީ އެންސިއޯ ކައުކޯ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނެޓްގައި ރޯއި ކްރިޝްނާ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އޭގެ 11 މިނެޓް ފަހުން މަންވީރް ސިންހް ތަނަވަސްކޮށް ދިން ފުރުސަތަކުން ކައުކޯ ދެވަނަ ލަނޑު ޖެހި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ޕެޑްރޯ ޑޮމިންގޭޒް (ޓާނާ) މާޒިޔާގެ ފުރަތަމަ ލަނޑު ކޯނޭލިސް ސްޓެވާޓް (ކޯނޭ) ތަނަވަސްކޮށް ދިން ފުރުސަތަކުން ޖަހައި ދިނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި މޯހަން ބަގާން އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ 4-1 ށް ބަދަލު ކޮށްފަ އެވެ.
އެޓީމުގެ ތިންވަނަ ލަނޑު ކްރިޝްނާ ޖެހީ ސުބަޝިސް ބޯސް ދިން ޕާހަކުންނެވެ. އޭގެ ދެމިނެޓް ފަހުން ބޯސް ވަނީ ލިސްޓަން ކަލާކޯ ދިން ބޯޅައިން ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މޯހަންބާގަންގެ ފަސްވަނަ ލަނޑު ޖެހީ ސްކޮޓްލެންޑްގެ މިޑްފީލްޑާ ކާލް މެކްހިއު އެވެ. ދެ މިނެޓް ފަހުން ޓާނާ މާޒިޔާގެ ދެވަނަ ލަނޑު ޖެހި އެވެ.
މާޒިޔާ އަށް އަނެއްކާ ވެސް އޭއެފްސީ ކަޕްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އެވެ. އަދި މިސަރަހައްދުގައި އިންޑިއާގެ ޑޮމިނޭޝަނަށް އަނެއްކާ ވެސް އިތުރު ބާރެއް ލިބުނީ އެވެ.