އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ހިންގަނީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އާއި އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ.
އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ، އެ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރުގެ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ކަމަށެވެ.
ހާއްސަކޮށް ތައުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށް އައިލެންޑާސް އިން ގަބޫލުކުރާތީ، އެ ކުންފުނިން ވެސް މުސާރައިގެ ކުރިއެރުން ގެނައީ ކަމަށް އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ދަށުން ހިންގާ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ އަންނަ ދިރާސީ އަހަރުން ފެށިގެން ބޮޑު ކުރާނެ އެވެ.
ޓީޗަރުންގެ މުސާރަައިގެ ކުރިއެރުމާއެކު، ސްކޫލުގެ ކުދިންގެ ފީ އަށް ބަދަލު އަންނާނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުނެ އެވެ. އެ ބަދަލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އައިލެންޑާސްގެ ސްކޫލުތަކުގެ ބެލެނިވެރިންނާ ހިއްސާ ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުދިންގެ ފީ އަށް ގެންނަ ބަދަލުތަކާއެކު، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރާނެ ކަމަށާއި ލިބެން ތިބި އެންމެ ރަނގަޅު ޓީޗަރުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އައިލެންޑާސް އިން ބުނެ އެވެ.