ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ޖަޒީރާވަންތަ ރަށްތަކެއް ކަމަށާއި އެ ވިސްނުމުގައި ކުރިއަށް ދާއިރު، ތަރައްގީއަށް ހުރަސް ނޭޅޭނެ ގޮތަށް ކަންކަން ކުރަން ބަލާނެ ކަމަށެވެ. އޭގެ އެންމެ ބޮޑު މަޝްރޫއަކީ މިނިސްޓަރު ވިދާޅުވިގޮތުގައި އެމްޓީސީސީން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތެވެ.
އަސްލަމް ވިދާޅުވީ، ދިވެހިންނަށް އަސާސީ ތައުލީމު އުނގަންނައި ދިނުމަށް ކުރި މަސައްކަތަށް ފަހު، ރާއްޖެ އަށް ދެން އަންނާނެ އެންމެ ބޮޑު ބަދަލަކީ ދަތުރުފަތުރުގެ ނިޒާމެވެ.
އެކި ގައުމުތައް ތަރައްގީވަމުން އައި ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ތަރައްގީގެ ދުވެލި ލަސްކަން ފާހަގަކުރަައްވައި އޭނާ ވިދާޅުވީ ފަހަކަށް އައިސް ފެންނަ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން އެ ލަސްކަން ހައްލުވެއްޖެ ކަމަށެވެ.
"މީގެ ކުރީ ސަރުކާރަކުން ވިދާޅުވި 70 ޕަސެންޓް މީހުން މާލެ އަށް ޖަމާކުރުމަށް. އެގޮތަށް ކަން ކުރީމާ މި ރަށްތަކަށް ކިހިނެއްތޯ އަޅާލާނީ؟،" އަސްލަމް ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ މީހެއްގެ އުފަން ރަށެއްގައި އުޅެން ކޮންމެ މީހަކު ވެސް ލޯބިކުރާނެ އެވެ. އެހެންވެ، މި ސަރުކާރުގެ ވިސްނުން ހުރީ އެކަމަށް މަގުފަހި ކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"މި ރަށްތައް ތަރައްގީ ވެގެން ދިއުމަކީ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއަށް 71.9 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެ ރަށުގެ 11 މަގެއްގައި ތާރުއަޅަން ފެށީ، އަންނަ ޑިސެމްބަރު މަހުގެ ކުރިން އެ މަސައްކަތް ނިންމުމަށް އަމާޒު ހިފައިގެންނެވެ.