ބިރު ދައްކައި ބްލެކްމެއިލްކޮށްގެން 200 ކްރޯޑް ރުޕީސް ހޯދި ކަމަށް ބުނާ މައްސަލައަކާ ގުޅުވައިގެން، މަކަރާއި ހީލަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ސުކޭޝް ޗަންދްރަޝެކަރާއި ބޮލީވުޑް އެކްޓަރު ނޯރާ ފަތެހީއާއާ ބެހޭ ގޮތުން ފެތުރި ޚަބަރުތަކުގެ މައްސަލާގައި އެކްޓްރެސް ޖެކޮލިން ފެނާންޑޭޒް އާއި 15 މީޑިއާއަކާ ދެކޮޅަށް ނޯރާ އަބުރުގެ ދައުވާކޮށްފި އެވެ.

މި ދައުވާއާ ގުޅިގެން ޖެކޮލިން ވެސް މިހާރު ވަނީ ރައްދުގައި ދައުވާކޮށްފަ އެވެ.

ނޯރާ ވެސް ޖެކޮލިން އަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައި ވާތީ އެކަމާ ދެކޮޅަށް ދައުވާކޮށްފައި ކަމަށް ރިޕޯޓްތައް ބުންޏަސް މިހާތަނަށް ޖެކޮލިން އެއްވެސް މީޑިއާ އަކަށް ކަށަވަރުކޮށެއް ނުދެ އެވެ.

ނޯރާގެ ދައުވާއާ ގުޅިގެން ޖެކޮލިންގެ ވަކީލް ޕާޓިލް މީޑިއާތަކަށް ވިދާޅުވީ ނޯރާ އަކީ ޖެކޮލިންގެ ވަރަށް ގާތްކޮށް ބަލަމުން އައި އެކްޓަރެއް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޖެކޮލިން މިހާތަނަށް އެއްވެސް މީޑިއާއަކަށް ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް ނޯރާ މިކަން މީޑިއާއަށް ލީކު ކުރުމުން، މި މައްސަލާގައި އިތުރަށް ސީރިއަސްވެ ދައުވާއާ ދެކޮޅަށް ވަރުގަދައަށް ރައްދު ދޭނެ ކަމަށް ޖެކޮލީންގެ ވަކީލް ވިދާޅުވި އެވެ.

ނޯރާ ބުނި ގޮތުގައި އޭނާއާ ދެކޮޅަށް ޖެކޮލިން ދައުވާކުރަނީ އަސްލެއް ނެތް ކަމެއްގެ މައްޗަށެވެ. އަދި މިއީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމުގެ ނިޔަތުގައި ކުރާ ދައުވާއެއް ކަމަށް ބުންޏެވެ.