އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރް ސާނޫ އޭނާގެ ކުރީގެ އަނބިމީހާއާ ދެކޮޅަށް ކުރާ އަބުރުގެ ދައުވާގައި އޭނާއަށް ކުރިއެރުން ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސާނޫ އޭނާގެ ކުރީގެ އަނބިމީހާ ރީތާ ބަޓަޗާރްޔާއާ ދެކޮޅަށް ހުށަހެޅި 50 ކްރޯޑް ރުޕީސްގެ އަބުރުގެ ދައުވާގައި ބޮޑު ކާމިޔާބީއެއް އޭނާއަށް މިހާރު ވަނީ ލިބިފަ އެވެ. ބޮމްބޭ ހައި ކޯޓުން ވަނީ ސާނޫއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަދެއްކުމާއި އިންޓަވިއު ދިނުން ރީތާގެ މައްޗަށް މަނާކޮށް، ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ ވަގުތީ އަމުރު ނެރުނީ ބޮމްބޭ ހައި ކޯޓުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ކަމަށް ނޫސްތަކުގައި ބުންޏެވެ.
އެ އަމުރުގައި ވަނީ، ރީތާ އާއި ބައެއް މީޑިއާތަކުން ސާނޫ ނުވަތަ އޭނާގެ އާއިލާއާ ބެހޭ ގޮތުން އެއްވެސް ކަހަލަ ދޮގު މައުލޫމާތެއް ނުވަތަ އަބުރަށް އަރައިގަނެވޭ ފަދަ ވާހަކައެއް ޝާއިއުކުރުން ނުވަތަ ފެތުރުން މަނާކޮށްފަ އެވެ.
މީގެ ކުރިން ރީތާ ދީފައިވާ އިންޓަވިއުތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ފައިދާ ނަހަމަގޮތުގައި ބޭނުންކޮށް، ސާނޫގެ އަބުރު ކަތިލެވޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރީތާ ދީފައިވާ ބައެއް އިންޓަވިއުތަކުގައި ބޭނުންކޮށްފައިވާ ބަސްމަގަށް ބަލާއިރު، އެއީ ސާނޫއާ ދެކޮޅަށް ދީފައިވާ ސީދާ ޒާތީ ހަމަލާތަކެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތް ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ބޮމްބޭ ހައިކޯޓުން ނެރުނު އަމުރުގައި ރީތާގެ އިތުރުން މީޑިއާތަކާއި ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ސާނޫއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ވަނީ މަނާކޮށްފަ އެވެ.
ސާނޫ މި ދައުވާ ހުށަހެޅީ ރީތާ ޔޫޓިއުބް ޗެނަލްތަކަށާއި މީޑިއާތަކަށް ދިން އިންޓަވިއުތަކެއްގައި، އޭނާގެ އަބުރަށް އުނިކަން އަންނަ ކަހަލަ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި އެމީހުންގެ ކައިވެންޏާއި ވަރި އަދި އާއިލީ ކަންކަމާ ގުޅޭ ގޮތުން ރީތާ ދައްކާފައިވާ ވާހަކަތައް ހިމެނެ އެވެ.
ސާނޫ ކޯޓުގައި ބުނެފައި ވަނީ އޭނާއަކީ އިންޑިއާގެ ގިނަ ބަޔަކު ބަލައިގަންނަ، އިހުތިރާމް ލިބިފައިވާ ފަންނާނެއް ކަމަށާއި މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން އޭނާގެ އަބުރާއި މަސައްކަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައި ވަނީ ތިން ކަމަކަށެވެ. އެއީ؛
- އޭނާގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 50 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ހޯދައިދިނުން.
- ރީތާ އާއި މީޑިއާގެ އެކި ވަސީލަތްތަކުން އޭނާގެ ޒާތީ ދިރިއުޅުމާއި އާއިލާ އަދި އޭނާގެ އަބުރަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ ޝާއިއުކުރުން ދާއިމީކޮށް މަނާކޮށްދިނުން.
- ސޯޝަލް މީޑިއާ އާއި އެކި ވެބްސައިޓްތަކުގައި މިހާރު ހުރި އޭނާއާ ބެހޭ "ދޮގު" އަދި "އަބުރަށް އަރައިގަންނަ" އިންޓަވިއުތަކާއި ލިޔުންތައް ޑިލިޓްކުރުވުން.