މިދިޔަ އަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި ވިލް ސްމިތު، ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ޖެހި މައްސަލައަށް ފަހު، އޮސްކާގެ ސެކިއުރިޓީ ވަރުގަދަކުރުމަށް "ކްރައިސިސް" ޓީމެއް އުފައްދައިފި އެވެ.
މިދިޔަ އަހަރު ބޭއްވި އޮސްކާ އެވޯޑު ހޯސްޓުކުރި ކޮމީޑިއަން، ކްރިސް ވާހަކަދައްކަމުން ވިލްގެ އަންހެނުން ޖޭޑާ ސްމިތަށް ހަޖޫ ޖެހުމުން، އައި ރުޅީގައި ސްޓޭޖަށް އަރާ ކްރިސްގެ ކޯތާފަތް މަތީގައި ޖެހި މައްސަލަ ވަރަށް ހޫނުވި އެވެ. އަދި މިހާރު ވަނީ، 10 އަހަރު ވަންދެން އޮސްކާގައި ބައިވެރި ނުވެވޭ ގޮތަށް ވިލް ސަސްޕެންޑްކޮށްފަ އެވެ.
އަންނަ މަހު 12 ގައި ބާއްވަން ހަމަޖެހިފައިވާ 95 ވަނަ އޮސްކާ އެވޯޑު ހަފުލާ ކުރިއަށް ދާ ވަގުތު ދިމާވެދާނެ ކޮންމެ ކަހަލަ ކަމަކަށް ވެސް އެޓެންޑުވާން ތައްޔާރަށް ތިބި "ކްރައިސިސް" ޓީމް އެކުލަވާލިކަން، ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓް އެންޑް ސައިންސްގެ ސީއީއޯ ބިލް ކްރޭމާ، "ޓައިމް" އަށް ދިން އިންޓަވިއުއެއްގައި ވަނީ އިއުލާންކޮށްފަ އެވެ.
"މިއީ މީގެ ކުރިން ދުވަހަކު ވެސް މި ހަފްލާގައި ކުރިކަމެއް ނޫން. އެބަހުރި އެހެން ގިނަ ޕްލޭންތައް ވެސް. ވަރަށް ގިނަ ސިނޭރިއޯތައް ބަލައިފިން. އުންމީދަކީ، މިވަގުތަށް ލަފާނުކުރެވޭ ކަމެއް ދިމާވިޔަސް އަހަރެމެންގެ ޓީމު އެކަމަކަށް ތައްޔާރަށް ތިބުން،" ކްރޭމާ ބުންޏެވެ.
ކްރޭމާ ބުނިގޮތުގައި، އުއްމީދަކީ "ކްރައިސިސް" ޓީމް ބޭނުންކުރަން ޖެހޭ ފަދަ ހާދިސާއެއް ނުހިނގުމެވެ.
މިފަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް މިދިޔަ މަހު އިއުލާނުކޮށްފައިވާއިރު، ޝޯ ހޯސްޓު ކުރަން ހަމަޖެހިފައި ވަނީ ޖިމީ ކިމެލް އެވެ. މިއީ އޭނާ އޮސްކާ ހޯސްޓުކުރާ ތިން ވަނަ ފަހަރެވެ.
އެވޯޑް ހަފުލާގައި ޕަފޯމްކުރަން ހަމަޖެހިފައިވާ އާޓިސްޓުންގެ ތެރޭގައި ރިއާނާ ވެސް ހިމެނޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އާޓިސްޓުންގެ ނަމާއި ހުށަހަޅައިދޭ ލަވަތައް އިއުލާނުކުރާނެ ކަމަށް ވެސް އެކަޑަމީން ބުންޏެވެ.