އޮސްކާ އެވޯޑް އިންތިޒާމުކުރާ ދަ އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްގެ މެމްބަރު ކަމުން އެމެރިކާގެ އެކްޓަރު ވިލް ސްމިތު މިއަދު އިސްތިއުފާ ދީފި އެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެރައިޓީން ވިލްގެ ސްޓޭޓްމަންޓަކާ ހަވާލާދީ ބުނީ، އެންމެފަހުން ބޭއްވި އޮސްކާ އެވޯޑް ހަފުލާގައި އެމެރިކާގެ ކޮމީޑިއަން ކްރިސް ރޮކްގެ މޫނުމަތީގައި އޭނާ ޖެހި މައްސަލައިގައި ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށް އޭނާ ގަބޫލުކޮށް، އެކެޑަމީގެ މެމްބަރުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
"އެކެޑަމީން އަހަންނަށް ކުރި އިތުބާރު ގެއްލިއްޖެ. އަހަރެންގެ ސަބަބުން އެ އެވޯޑަށް ނޮމިނޭޓްވި މީހުންނާއި އެވޯޑް ލިބުނު މީހުންނަށް އެމީހުންގެ ކާމިޔާބީ ފާހަގަކުރަން ލިބުނު ފުރުސަތަށް ވެސް ހުރަސް އެޅިއްޖެ،" ވިލްގެ ސްޓޭޓްމަންޓްގައި ބުންޏެވެ.
"އެހެންވެ، އަހަރެން އެކެޑަމީގެ މެމްބަރުކަމުން އިސްތިއުފާ ދޭން ނިންމައި އަދި އަހަންނާ މެދު އަޅާ ފިޔަވަޅަކަށް ބޯލަބާނަން."
ވިލްގެ އެ ނިންމުން އައިސްފައި ވަނީ ރޮކްގެ މޫނުމަތީގައި ޖެހި މައްސަލައިގެ ތަހުގީގެއް އެކެޑަމީން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައިގައި އެކެޑަމީން ނިންމާ ގޮތެއް އިއުލާންކުރުން އޮތީ މި މަހު 11 ގަ އެވެ.
އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެ، ސްމިތު ސްޓޭޖަށް އަރައި ކްރިސްގެ ކޯމަތީގައި ޖެހި އެވެ.
ރޮކް ވަނީ ސްމިތުއާ ދެކޮޅަށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް، އެކެޑަމީން އިން ބުނީ އެ މައްސަލަ ރިވިއުކުރާނެ ކަމަށެވެ. އެއީ އެ އެވޯޑުގެ ދިގު ތާރީހުގައި ދުވަހަކު ވެސް ހިނގާފައިނުވާ ކަހަލަ ބޭއަދަބީ ކަމެއް ކަމަށް އެކެޑަމީން ބުނެ އެވެ.