އިއްޔެ ބޭއްވި 94 ވަނަ އޮސްކާ އިވެންޓް ތެރޭގައި މަޝްހޫރު އެކްޓަރު ވިލް ސްމިތު އެހެން އެކްޓަރެއްގެ މޫނު މަތީގައި ޖެހި މައްސަލާގައި ވިލްގެ އެވޯޑް އަތުލަފާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
އިއްޔެ ބޭއްވި އޮސްކާ އެވޯޑު ހަފުލާގައި ވެސް އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ވިލް ސްމިތު، ސްޓޭޖަށް އަރައި އެކްޓަރެއްގެ މޫނުމަތީ ޖެހި މައްސަލަ އެވެ. ވިލްގެ އަންހެނުންނާ ގުޅޭގޮތުން ޕްރެޒެންޓަރު، އަދި އެކްޓަރު ކްރިސް ރޮކް ޖެހި ޖޯކަކާ ގުޅިގެން ރުޅި ކޮންޓްރޯލް ނުކުރެވިގެން ގޮސް ވިލް ވަނީ ކްރިސް މޫނު މަތީ ޖަހައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އެންމެ ފަހުން އޮސްކާ އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިސް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެކެޑެމީ އާޓްސް އިން ބުނާގޮތުގައި މިހާރު އެ މައްސަލަ އަންނަނީ ރިވިއުކުރަމުންނެވެ.
އިއްޔެގެ އިވެންޓުގައި ވިލްގެ އަމަލަށް ފަހު މާ ގިނައިރު ތަކެއް ނުވެ، އޭނާ އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފަ އެވެ. އޮސްކާއިން އެ މައްސަލަ އެހާ ބޮޑަށް ބަލަމުން ގެންދަނީ ވިލްގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިފައި އޮއްވައި އޭނާ އަށް އެވޯޑު ލިބުމުންނެވެ.
ވިލް ސުމިތުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެކެޑެމީން ބުންޏެވެ.
އެކެޑެމީގެ އޮފިޝަލެއް ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި އިއްޔެގެ އިވެންޓަށް ފަހު އެކެޑެމީގެ ގިނަ މެމްބަރުންތަކެއް ވަނީ ބައްދަލުވެފަ އެވެ. އަދި މެމްބަރުންގެ މެދުގައި ވަރަށް ހޫނުކޮށް މިކަމާ ބަހުސްކުރި ކަމަށްވެ އެވެ.
އެކެޑެމީ އިން ރިވިއުކޮށް ނިންމާގޮތުގެ ސަބަބުން ފަހަރެއްގައި ވިލްގެ އެވޯޑު އޭނާ އަތުން ގެއްލިދާނެ އެވެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އަދިވެސް އެކަމާ ގުޅިގެން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.