ތުލުސްދޫގައި ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފިރިހެން އޯޕަން ޑިވިޝަނުގެ މެއިން އިވެންޓުގެ ހަތަރުވަނަ ބުރަށް ހުސެއިން އަރީފް (އިބޫ) ދަތުރު ކޮށްފި އެވެ.

އިބޫ ހަތަރުވަނަ ބުރަށް ދަތުރު ކުރީ، މިއަދު ހެނދުނު ކުރިއަށް ދިޔަ ތިންވަނަ ބުރުގެގެ ފަހު ހީޓުގައި އެއްވަނަ ހޯދައިގެންނެވެ. އިބޫ ވަނީ މި ހީޓުގައި ޖުމްލަ 13.06 ޕޮއިންޓް ހޯދައިފަ އެވެ. އޭނާގެ ފުރަތަމަ ރާޅަށް 6.23 ޕޮއިންޓް ހޯދި އިރު، ތިންވަނަ ރާޅަށް ވަނީ 6.83 ޕޮއިންޓް ހޯދައިފަ އެވެ.

އިބޫ ވާދަކުރި ހީޓުގެ ދެވަނައަށް ދިޔައީ ޖަޕާނުގެ ޒުވާން ސާފަރު ޓާރޯ ޓަކާއި އެވެ. ޓާރޯ އަށް ވަނީ 11.77 ޕޮއިންޓް ލިބިފަ އެވެ. އިބޫ އާއެކު މި ހޫޓުގައި ވާދަކުރި ހުސެއިން ނާސިހު (ޗިކާ) އަށް ލިބުނީ ތިންވަނަ އެވެ. އޭނާ އަށް ހަމަކުރެވުނީ ޖުމްލަ 6.70 ޕޮއިންޓެވެ. ހަތަރުވަނައިގައި ނިންމާލި އިންޑިއާގެ ސިވަރާޖް ބާބޫ އަށް ލިބުނީ 4.17 ޕޮއިންޓެވެ. އިންޓަފިއަރެންސަކާ ގުޅިގެން ސިވަރާޖްގެ ޖުމްލައަށް ގުނީ އެންމެ ރާޅެއްގެ ސްކޯ އެވެ.

ހަތަރުވަނަ ބުރުން އިބޫ ޖާގަ ހޯދާފައި ވާއިރު، އޭނާ ވަނީ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ހީޓުގައި ވެސް އެއްވަނަ ހޯދައިފަ އެވެ. އިބޫ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި އެތުލީޓެވެ.

އިބޫ އާއި ޗިކާގެ އިތުރުން ތިންވަނަ ބުރުގައި ދެން ވާދަކުރި ރާއްޖޭގެ ރާޅާއެޅުންތެރިޔަކީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ދެވަނަ ހީޓުގައި ވާދަކޮށް 6.67 ޕޮއިންޓާ އެކު އޭނާ ނިންމީ ތިންވަނައިގަ އެވެ. ހީޓުގެ އެއްވަނަ ހޯދި ޖަޕާނުގެ ރިކީ ސަޓޯ 16.17 ޕޮއިންތް ހޯދި އިރު ދެވަނައަށް ދިޔަ އިންޑިއާގެ ދަނީ ވިޑިއަންޓޯ ވަނީ 14.17 ޕޮއިންޓް ހޯދައިފަ އެވެ.

މެއިން އިވެންޓުގެ ހަތަރުވަނަ ބުރުގައި ދެ ހީޓު ކުރިއަށް ދާނެ އެވެ. ކޮންމެ ހީޓެއްގައި ވެސް ވާދަކުރާނީ ތިން ރާޅާއެޅުންތެރިންނެވެ. އިބޫ ވާދަކުރާނީ ދެވަނަ ހީޓުގައި، ޖަޕާނުގެ ރިކީ ސަޓޯ އާއި އިއްކޮ ވަޓަނަބޭއާ ދެކޮޅަށެވެ. ފަސްވަނަ ބުރަށް ހޮވޭނީ ކޮންމެ ހީޓަކުން ވެސް އެންމެ ރަނގަޅު ދެ އެތުލީޓުންނެވެ. ތިންވަނައަށްދާ ރާޅާއެޅުންތެރިންނަށް ރެޕޭޗާޖް އިވެންޓުގެ ފަސްވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

އިބޫ ފިޔަވައި ރާއްޖޭގެ ބާކީ ހަތް އެތުލީޓޫން ވެސް ވާދަ ކުރަން ޖެހިފައި މިވަނީ ރެޕޭޗާޖް އިވެންޓުގަ އެވެ. މެއިން އިވެންޓުން ކެޓި ނަމަވެސް މުބާރާތުގެ ފައިނަލަށް ދާނީ، މެއިން އިވެންޓުގެ ފަސްވަނަ ބުރުން ގަދަ ދެ ރާޅާއެޅުންތެރިންނާއި ރެޕޭޗާޖް އިވެންޓުގެ ހަތްވަނަ ބުރުން ހޮވޭ ގަދަ ދެ ރާޅާއެޅުންތެރިންނެވެ.

ޗިކާ އާއި ކުޑަ އިއްސެ ވެސް ރެޕޭޗާޖް އިވެންޓު ފަށާނީ ތިންވަނަ ބުރުންންވެ. އާދަމް މުއީން އިބްރާހިމް، ޖައިލަމް ނިޒާރު، އަބްދުﷲ އަރީފް (ފުކޫ)، ހޫދު އަހުމަދު (ހޫބްޒް) އަދި އަހުމަދު އާގިލް (އަންމަޑޭ) ފަށާނީ ރެޕޭޗާޖް ދެވަނަ ބުރުންނެވެ.