ތުލުސްދޫގައި މިއަހަރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ޑިވިޝަންގައި ވާދަކޮށް ރާއްޖޭގެ ލެޖެންޑަރީ ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) ބްރޯންޒް މެޑަލް ހޯދައިފި އެވެ.
އުމުރުން 47 އަހަރުގެ އިބޫ ބްރޯންޒް މެޑަލް ހޯދީ މިއަދު އޮތް ފައިނަލް ހީޓުގައި ވާދަކޮށް 10.87 ޕޮއިންޓް ސްކޯ ކޮށްގެން ހީޓުގެ ތިންވަނަ ހޯދައިގެންނެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވެސް ބްރޯންޒް މެޑަލް ހޯދީ އިބޫ އެވެ.
މި އަހަރުގެ ފައިނަލް ހީޓުގައި އިބޫ އާއެކު ވާދަކުރީ އިންޑޮނޭޝިއާގެ ދަނީ ވިޑިއަންޓޯ އާއި ޖަޕާނުގެ ރިކީ ސަޓޯ އަދި އިއްކޮ ވަޓަނަބޭ އެވެ. ރިކީ އާއި އިއްކޮ އަކީ މެއިން އިވެންޓުގެ ހަތަރުވަނަ ބުރުގެ ހީޓުން އިބޫ ކަޓުވާލި ދެ ރާޅާއެޅުންތެރިންނެވެ.
މުބާރާތުން އެއްވަނަ ހޯދީ 17.83 ޕޮއިންޓް ހޯދި ދަނީ ވިޑިއަންޓޯ އެވެ. ދެވަނައަށް ދިޔައީ 13.90 ޕޮއިންޓް ހޯދި ރިކީ އެވެ. އިއްކޮ އަށް މި ހީޓުގައި ހޯދުނީ 10.73 ޕޮއިންޓެވެ.
ފައިނަލްގައި ވާދަކުރީ ރެޕޭޗާޖް 7 ގެ އެންމެ ރަނގަޅު ދެ ރާޅާއެޅުންތެރިންނާއި މެއިން އިވެންޓުގެ ހީޓް 5 ގެ އެންމެ ރަނގަޅު ދެ ރާޅާއެޅުންތެރިންނެވެ. އިބޫ އާއި ރިކީ ފައިނަލަށް ދިޔައީ ރެޕޭޗާޖް ބުރުންނެވެ. މެއިން އިވެންޓް ބުރުގައި ކާމިޔާބު ހޯދައިގެން ފައިނަލަށް ދަތުރުކުރީ ދަނީ ވިޑިއަންޓޯ އާއި އިއްކޮ އެވެ.
މިއަދުގެ ހީޓުތަކާ ކުރިމަތިލީއިރު އިބޫގެ އިތުރުން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަށް ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ރެޕޭޗާޖް ހަވަނަ ބުރުގެ ހީޓުން ކުޑަ އިއްސެ އަށް ޖެހުނީ މުބާރާތް ނިންމާލާށެވެ.
އިބޫ ވަނީ 14.90 ޕޮއިންޓް ހޯދައިގެން އެ ހީޓު ކާމިޔާބު ކޮށްފަ އެވެ. އެ ހީޓުގެ ދެވަނަ ހޯދީ 12 ޕޮއިންޓް ހޯދި ޖަޕާނުގެ ކައިސޭ އަޑާޗީ އެވެ. ތިންވަނައަށް ދިޔަ ސްރީލަންކާގެ ލަކްޝިތާ މަދުޝާން އަށް 8.73 ޕޮއިންޓް ލިބުނުއިރު ކުޑަ އިއްސެ އަށް ލިބުނީ 8.40 ޕޮއިންޓެވެ.
ހީޓް ކާމިޔާބު ކޮށްގެން އިބޫ ވަނީ ރެޕޭޗާޖް ހަތްވަނަ ބުރުގައި ވާދަ ކޮށްފަ އެވެ. ފައިނަލަށް ދިޔައީ މި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ހީޓުގެ ދެވަނަ ހޯދީ 13.84 ޕޮއިންޓް ހޯދައިގެންނެވެ. ހީޓްގެ އެއްވަނަ ހޯދި ރިކީ ވަނީ 16.27 ޕޮއިންޓް ހޯދައިފަ އެވެ.