ރާއްޖޭގެ 17 ރާޅާއެޅުންތެރިން ވާދަ ކުރާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތުގެ ފަހު ހީޓުތަކާ ހަމައަށް ގޮސްފައި ވާއިރު، މުބާރާތުގައި ބާކީ ތިބީ ފިރިހެން އޯޕަން ޑިވިޝަނުގައި ވާދަކުރާ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.
އިބޫ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިން ރާޅާއެޅުންތެރިޔާ އެވެ.
ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި އިބޫ އާއި ކުޑަ އިއްސެ ވެސް މިހާރު ވާދަކުރަން ޖެހިފައި ވަނީ ރެޕޭޗާޖް ހަވަނަ ބުރުގެ ހީޓުގަ އެވެ. މި ބުރުގެ ހީޓުގައި އިބޫ އާއި ކުޑަ އިއްސެ ވާދަކުރާއިރު، ހީޓުގައި ދެން ހިމެނެނީ ޖަޕާނުގެ ކައިސޭ އަޑާޗީ އާއި ސްރީލަންކާގެ ލަކްޝިތާ މަދުޝާން އެވެ.
ރެޕޭޗާޖް ހަވަނަ ބުރުގެ ހީޓުން ގަދަ ދެ ރާޅާއެޅުންތެރިންގެ ތެރޭގައި ހިމެނިގެން، ރެޕޭޗާޖް ހަތްވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ރެޕޭޗާޖް ހަތްވަނަ ބުރުގެ ހީޓުގައި ދެން ހިމެނޭނީ މެއިން އިވެންޓުގެ ފަސްވަނަ ބުރުގެ ހީޓުން އެއްވަނަ އަދި ދެވަނަ އެތުލީޓަށެވެ.
އޯޕަން ޑިވިޝަނުގެ ފައިނަލް ހީޓުން ފުރުސަތު ލިބޭނީ މެއިން އިވެންޓުގެ ފަސްވަނަ ބުރުގެ ހީޓުން ގަދަ ދެ ރާޅާއެޅުންތެރިންނާއި ރެޕޭޗާޖް ހަތްވަނަ ބުރުގެ ހީޓުން ގަދަ ދެ ރާޅާއެޅުންތެރިންނަށެވެ.
މެއިން އިވެންޓުގެ ހަތަރުވަނަ ބުރާ ހަމައަށް އިބޫ ދަތުރު ކުރީ ވާދަކުރި ހުރިހާ ހީޓަކުން އެއްވަނަ ހޯދައިގެންނެވެ. ނަމަވެސް އިއްޔެ އޮތް ހަތަރުވަނަ ބުރުގެ ހީޓުން ޖުމްލަ 12.33 ޕޮއިންޓް ހޯދައިގެން ވެސް އިބޫ އަށް ލިބުނީ ތިންވަނަ އެވެ. އެ ހީޓުން ކާމިޔާބު ހޯދީ 14.71 ޕޮއިންޓް ހޯދި ޖަޕާނުގެ އިއްކޮ ވަޓަނަބޭ އާއި 14.07 ޕޮއިންޓް ހޯދި ޖަޕާނުގެ ރިކީ ސަޓޯ އެވެ.
ކުޑަ އިއްސެ ވަނީ ރެޕޭޗާޖް ހަތަރުވަނަ ބުރުގެ ތިންވަނަ ހީޓުގައި 11.17 ޕޮއިންޓް ހޯދައިގެން ކާމިޔާބު ކޮށްފަ އެވެ. ހީޓުގެ ދެވަނަ ހޯދީ 11 ޕޮއިންޓް ހޯދި ލަންކާގެ ލަކްޝިތާ މަދުޝާން އެވެ. މި ހީޓްގައި ވާދަކުރި ރާއްޖޭގެ ހޫދު އަހުމަދު (ހޫބްޒް) އަށް ލިބުނީ ހަތަރުވަނަ އެވެ.
ކުޑަ އިއްސެ އާއި ހޫބްޒްގެ އިތުރުން ރެޕޭޗާޖް 4 ގައި ރާއްޖޭގެ ހަތަރު ރާޅާއެޅުންތެރިން ވާދަކުރި އެވެ. އެއީ އާދަމް މުއީން އިބްރާހިމް، ހޫދު އަހުމަދު (ހޫބްޒް)، އަހުމަދު އާގިލް (އަންމަޑޭ)، ހަސަން ނާސިހު (ޗިކާ) އަދި އަބްދުﷲ އަރީފް (ފުކޫ) އެވެ.
އެއްވަނަ ހީޓުގައި ވާދަކޮށް މުއީން އަށް ލިބުނީ ހަތަރުވަނަ އެވެ. ތިންވަނަ ހީޓުގައި 11.87 ޕޮއިންޓް ހޯދައިގެން އަންމަޑޭ ހީޓް ކާމިޔާބު ކުރިއިރު ދެވަނައަށް ދިޔައީ 9.83 ޕޮއިންޓް ހޯދި ލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ އެވެ. ޗިކާ އާއި އިބޫ އަށް ޖެހުނީ މުބާރާތް ނިންމާލާށެވެ.
ރެޕޭޗާޖް 5 ގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ކަމަށްވާ އިބޫ އާއި ކުޑަ އިއްސެ އަދި އަންމަޑޭ ވެސް ވާދަކުރީ އެއް ހީޓެއްގަ އެވެ. މި ހީޓުގައި 13.80 ޕޮއިންޓް ހޯދައިގެން އިބޫ އެއްވަނަ ހޯދިއިރު ކުޑަ އިއްސެ ދެވަނަ ހޯދީ 12.76 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އަންމަޑޭ އަށް ހޯދުނު 9.93 ޕޮއިންޓާ އެކު ލިބުނީ ހީޓްގެ ތިންވަނަ އެވެ.
ޖޫނިއާ ބައިން އެންމެ ދުރަށް ދިޔައީ ޔަސީން އާއި ސައްޔިދު
ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ރެޕޭޗާޖް 2 ގައި ރާއްޖޭގެ ފަސް ރާޅާއެޅުންތެރިން ވާދަ ކުރި އެވެ. އެއީ މުހައްމަދު އިނާން އަބްދުލް ހަންނާން، ޝާނިފް ޝަފީގު، ޔަސީން އަހުމަދު ނާޝިދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ އަދި ސައްޔިދު ސަލާހުއްދީން އެވެ.
އޭގެ ތެރެއިން އަނެއް ބުރަށް ދަތުރު ކުރީ ދެ ރާޅާއެޅުންތެރިންނެވެ. އެއީ ޔަސީން އާއި ސައްޔިދެވެ.
ރެޕޭޗާޖް 2 ގެ ފުރަތަމަ ހީޓުގައި ވާދަކުރި އިނާން އާއި ޝާނިފް އަށް ވެސް ކާމިޔާބެއް ނުހޯދުނެވެ. ޔަސީން ވަނީ ދެވަނަ ހީޓުގައި 10.33 ޕޮއިންޓް ސްކޯ ކޮށްގެން ހީޓްގެ ދެވަނަ ހޯދައިފަ އެވެ. ކަޔާން ޒަކީ އަށް ލިބުނީ ހީޓްގެ ތިންވަނަ އެވެ. ސައްޔިދު ވަނީ ތިންވަނަ ހީޓުގައި 11.33 ޕޮއިންޓް ސްކޯ ކޮށްގެން މި ހީޓުގެ ދެވަނަ ހޯދައިފަ އެވެ.
ރެޕޭޗާޖް 3 ގައި ޔަސީން އާއި ސައްޔިދު ވެސް ވާދަކުރީ ދެ ހީޓެއްގަ އެވެ. ދެ ރާޅާއެޅުންތެރިންނަށް ވެސް މި ބުރުގައި ލިބުނީ ވާދަކުރި ހީޓުގެ ހަތަރުވަނަ އެވެ.
އާޔާ އަށް މުބާރާތް ނިމުނީ ރެޕޭޗާޖް 2 ވަނަ ބުރުން
މުބާރާތުގައި ވާދަކުރި ރާއޖޭގެ ހަމައެކަނި އަންހެން ރާޅާއެޅުންތެރިޔާ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ހުކުރު ދުވަހު، ރެޕޭޗާޖް 2 ގެ ހީޓުގައި ވާދަ ކޮށްފަ އެވެ. ނަމަވެސް އެ ހިޓާ ހަމައިން އޭނާ އަށް ޖެހުނީ މުބާރާތް ނިންމާލާށެވެ.
ރެޕޭޗާޖް ދެވަނަ ބުރުގެ ދެވަނަ ހީޓުގައި އާޔާ އަށް ހޯދުނީ 4.30 ޕޮއިންޓެވެ. އާޔާ ރެޕޭޗާޖް ދެވަނަ ބުރަށް ދަތުރުކުރީ، ރެޕޭޗާޖް ފުރަތަމަ ބުރުގެ ހީޓުން ދެވަނަ ހޯދައިގެންނެވެ.
އާޔާ ވަނީ މިއަހަރުގެ މުބާރާތުގައި، މުޅިން އަލަށް ބޭއްވި އޭޝިއަން އަލޯހާ ކަޕްގެ ބްރޯންޒް މެޑަލް ހާސިލްކުރި ރާއްޖޭގެ ޓީމުގައި ހިމެނިގެން ރާޅާ އަޅައިފަ އެވެ.
އަލޯހާ ކަޕްގައި އާޔާ އާއެކު ރާއްޖޭގެ ޓީމުގައި ދެން ހިމެނުނީ އިބޫ އާއި ހޫބްޒް އަދި އަންމަޑޭ އެވެ.