ސާފިންގެ އެންމެ މަތީ ލެވަލްގައި 30 އަހަރުވަން ދެން ބިނާ ކުރި ކެރިއާ ނިންމާލުމަށް ފަހު، ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު ސާފަރު ހުސައިން އަރީފް (އިބޫ) ގައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.
އުމުރުން 17 އަހަރުގައި ރާޅާ އަޅަން ފެށި އިބޫ، ކެރިއާ ނިންމާލިކަން އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އިއްޔެ ސާފިން އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމުގެ ކޯޗު ކަމަށް އޭނާ ހަމަޖައްސައިފަ އެވެ. އޭނާ އާ އެކު އެއްބަސްވުން ހެދީ އެއް އަހަރުގެ މުއްދަތަކަށެވެ.
ގައުމީ ޗެމްޕިއަންކަން އަށް ފަހަރު ހޯދި އިބޫ ބުނީ، އެހާ ދިގު މުއްދަތެއް ވަންދެން އޭނާ ހޭދަ ކުރި ކެރިއާ ނިންމާލުމަށް ފަހު ދެން ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ކަމަށެވެ.
"އުމުރުން 17 އަހަރުގައި ރާޅާއަޅަން ފަށައި މިހާ ދިގު މުއްދަތަކަށް ފަހު ކެރިއާ ނިންމާލާފަ ދެން އެންމެ ބޭނުން ވަނީ އަޅުގަނޑަށް ދަސްވެފައި ހުރި އެއްޗެއް އަރަމުން އަންނަ ސާފަރުންނަށް ދަސްކޮށްދީ އެ ކުދިން ޓްރޭން ކުރަން. އެކަމަށް މި ލިބުނީ އެންމެ ރަނގަޅު ފުރުސަތު،" އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ދެ ފަހަރު ބްރޯންޒް މެޑަލް ހޯދި އިބޫ ބުންޏެވެ.
"އަޅުގަނޑުމެން ފަށައިގަތް އިރު ޕްރޮފެޝަނަލް ކޯޗިން ސެޝަންތަކެއް ނުލިބޭ. ގިނަ އެއްޗިހި ދަސް ކުރީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރާ ޕްރޮފެޝަނަލް އެހެން ސާފަރުންގެ ކިބައިން އޮޅުން ފިލުވައިގެން އެމީހުންގެ ކައިރިން ދަސްކޮށްގެން އަދި ބޭރުގެ އެކި ކޯޗުންގެ ޓްރޭނިން ޝެޝަންތަކުގައި ބައިވެރިވުމުގެ އިތުރަށް އަމިއްލަ ބަލައި ރިސާޗު ކޮށްގެން.
"އަރަމުން އަންނަ ސާފަރުންނަށް އެހެން ވާން އަޅުގަނޑުމެން ބޭނުމެއް ނުވޭ. ކޯޗިންގެ އެހީގައި އެ ކުދިން ތަމްރީން ވާން ޖެހޭނީ. އެކަމުގައި އަޅުގަނޑަށް ބައިވެރިވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ރ. ރަސްމާދު އަށް އުފަން އިބޫގެ އާއިލާ އަކީ ވެސް ރާޅާ އެޅުމުގެ ހުނަރުވެރިން ތިބި އާއިލާ އެކެވެ. އޭނާގެ ކޮއްކޮ އަބްދުﷲ އަރީފް (ފުކޫ) އަކީ ތަޖުރިބާކާރު ސާފަރެވެ. ބޯޑި ބޯޑިން އެސޯސިއޭޝަންގެ ކުރީގެ ރައީސް ފުކޫގެ ދަރިފުޅު ކަޔާން އަބްދުﷲ އަރީފަކީ ރާއްޖޭގެ ޖުނީއާ ސާފިން ޓީމުގެ އެތުލީޓެކެވެ.
ސީނިއާ ސާފިން ޓީމާއި ޖޫނިއާ ސާފިން ޓީމު ވެސް ތަމްރީނު ހަދާނީ އިބޫގެ ބެލުމުގެ ދަށުންނެވެ.