ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ކްލަބް ފުޓްބޯޅަ މެދުނަޑާލައި ދެ މަހެއްހާ ދުވަސް ފަހުން ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ބުރުން ލީޑު ނެގީ މެޗުގެ 19 ވަނަ މިނިޓުގައި މުހައްމަދު ސާމިރު ކާމިޔާބު ކުރި ގޯލުންނެވެ. އެޓީމުން ލީޑު ފުޅާ ކުރި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް އަލީ ހަމްދާން ދިން ބޯޅައަކުން ޖަހައިދިނީ މުހައްމަދު ނާއިމް އެވެ. ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ސާމިރެވެ.

ދިވެހި ޕްރިމިއާ ލީގުގެ ހަތަރުވަނަ ހަފްތާގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މެއި މަހު ލީގު މެދުކަނޑާލީ ކޮންމެ ކްލަބެއް ތިން މެޗު ކުޅުމަށް ފަހު އެވެ. ގްރީން ސްޓްރީޓްސް އާއި މިއަހަރު އަލަށް ޕްރޮމޯޓްވި ބުރު ވެސް ލީގުގެ ފުރަތަމަ މެޗުން ވީ ބައްޔެވެ. ނަމަވެސް ބްރޭކުގެ ކުރިން، އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މި ދެ ޓީމުން ކާމިޔާބު ކުރި އެވެ.

މިއަދުގެ މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ބުރުންނެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ނިމިދިޔަ ބްރޭކުގައި ހިތްހަމަ ޖެހޭ ވަރުގެ ކުރިއެރުމެއް ޓީމަށް ގެނެވުނު ކަން ފާހަގަ ކޮށްފަ އެވެ. އަދި ޓީމުގެ ގާތްގަނޑަކަށް 95 ޕަސެންޓް ކުޅުންތެރިން ގަވާއިދުން ޕްރެކްޓިސްތަކުގައި ބައިވެރިވި ކަން ވެސް ކޯޗު ފާހަގަ ކުރި އެވެ.

ނަމަވެސް ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު، މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ފާހަގަކުރި ގޮތުން، ބްރޭކުގައި ގިނަ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކަށް ދިޔުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް އެ ޓީމުގެ ފަރިތަކުރުންތައް ގެންދެވިފައެއް ނުވެ އެވެ.

ބުރުން ލީޑު ނެގުމުގެ ކުރިން، ސާމިރު ނަގައިދިން ހުރަހަކުން ޑިފެންޑަރު ފާރޫގު އިސްމާއިލް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ވެފައި ނުވާއިރު މުހައްމަދު ލީވާން ނަދީމް ހުރަސްކޮށްލި ބޯޅައެއް ވަނީ ގޯލު ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ. މީގެ އިތުރުން މުހައްމަދު ނާއިމް ނެގި ހުރަހެއް، ބުރުގެ ކެޕްޓަން އަހުމަދު ރަޝީދު (އަންމަޑޭ) އަށް މާ ރަނގަޅަށް ބޮލުން ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް އިބްރާހިމް އުސާމާ ހަސަން މަޖީދު ނަގައިދިން ކޯނަރެއް، އަލީ އިޝްފާގް ހަސަން މަޖީދު ހަނި އޭންގަލުން ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފުގައި އަންމަޑޭ ބޮލުން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. ފުރަތަމަ ހަމަލާ ގޯލު މަތިން ބޭރަށް ދިޔައިރު ދެން ފޮނުވާލި ހަމަލާ ދިފާއު ކުރީ ގްރީންގެ ކީޕަރު މިފްޒާލް އިދުރީސް އެވެ. ގޯލް ކުރިމަތީ ހުރެ ނާއިމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް މިފްޒާލް ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.