ދިރާގުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް މުބާރާތް. މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ ގްރޭންޑް ފިނާލޭގެ މެޗުތައް ނިންމައި ވަނަތަކަށް ދިޔަ ޓީމުތައް ހޮވައިފި އެވެ.
ހުކުރު ދުވަހު ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ސްލީޕިން ފޮރެސްޓެވެ. ދެ ވަނަ ހޯދީ ޓީމް ވިގަނި އެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް އެސްއެލްއެފްއޯ މެކްސިސް އެވެ.
ގްރޭންޑް ފިނާލޭގެ ފޯރި ގަދަކުރުމުގެ ގޮތުން ދިރާގުން ވަނީ އެއް ދުވަހުގެ ބޮޑު އިވެންޓެއް ބާއްވައިފަ އެވެ. މި އިވެންޓުގައި ގޭމު ބަލާނެ އޭރިއާއަކާއި ވީއާރު ގޭމާއި ތަފާތު އެކި ގޭމުތައް ކުޅެވޭނެ އިންތިޒާމް ހުރީ ހަމަޖައްސައިފަ އެވެ.
މި އިވެންޓުގައި އެއްދުވަހުގެ ފީފާ ޓޯނަމެންޓެއް ވެސް ކުރިއަށް ދިޔަ އެވެ. ޕީއެސް 5 އެއް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ.
މި އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އީ-ސްޕޯޓްސް ސަގާފަތް ދިވެހިރާއްޖޭގައި ކުރިއެރުމަށް ދިރާގުން މަސައްކަތްކުރަމުންދާނެ ކަމަށާއި މި އިވެންޓަކީ އެ މަސައްކަތްތަކުގެ ފެށުމެއް ކަމަށް ވިދާޅުވި އެވެ.
މިއީ ދިރާގުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް މުބާރާތެވެ. މި މުބާރާތަކީ 100،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާ ކުރިއަށް ގެންދިޔަ މުބާރާތެކެވެ.