ކަސްރަތުކުރަން ފަށާތާ ބައިގަޑިއިރުނުވެ މީހާ ހުންނަނީ މާބޮޑަށް ވަރުބަލިވެފައި ހެއްޔެވެ؟ ބަރެއް އުފުލާއިރަށް ދެފައި ތުރުތުރުއަޅައި، ދެން ނުވާނެއޭ ހިސާބަށް ދޭ ހެއްޔެވެ؟ މިކަމަށް އޮތް އެއް ހައްލަކީ ކަސްރަތުގެ ކުރިން ބުންވަރު އިތުރުކޮށްދޭނެ ލުއި ބުއިމެކެވެ. ނުވަތަ ޕްރީ ވޯކްއައުޓް ޑްރިންކެކެވެ.

ޕްރީ ވޯކްއައުޓްއަކީ ކަސްރަތުގެ ކުރިން، ހަކަތަ އާއި ބުންވަރު އިތުރުކޮށްދިނުމަށްޓަކައި ބޯ ބުއިންތަކެވެ. އަދި ޕޯސްޓް ވޯކްއައުޓް ޑްރިންކްތަކަކީ ކަސްރަތަށް ފަހު، ހަށިގަނޑު "ރިޕެއާ" ކޮށްދީ ގްލައިކޯޖެން ފަދަ މުހިންމު މާއްދާތައް އިތުރުކޮށްދޭން އެހީވާ ބުއިންތަކެވެ.

މި ނަންތަކުގައި އެތައް ހާސް ބާވަތެއްގެ ބުއިން ބާޒާރުގައި ވިއްކަން ހުންނައިރު، މި ބުއިންތަކަކީ ގިނަފަހަރު ގިނަ އަދަދަކަށް ކެފެއިން އާއި ދިގު މުއްތަކަަށް ބޭނުންކުރާ ނަމަ ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތަކެއް ވެސް ހިމެނޭ ބުއިންތަކެވެ. އޭގެ ބަދަލުގައި ގޭގައި، ގުދުރަތީބާވަތްތައް ބޭނުންކޮށްގެން އަމިއްލައަށް ވެސް ދުޅަހެޔޮ އަދި ހަށިގަނޑަށް މާ ފައިދާހުރި ޕްރީ ވޯކްއައުޓް ބުއިންތަކެއް ތައްޔާރުކުރެވިދާނެ އެވެ.

ބީޓްރޫޓް ޖޫސް

1 ބީޓްރޫޓް، 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް، ކުޑަ ހިމާލިޔަން ލޮނުކޮޅެއް

ބީޓް ރޫޓަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ތަރުކާރީ އެވެ. ބީޓްރޫޓް ޖޫހުގައި އެކުލެވޭ ނައިޓްރޭޓްގެ ސަބަބުން، ކަސްރަތުކުރާއިރު ބުންވަރު އިތުރުކޮށްދޭނެ އެވެ. އަދި ލޭ ދައުރުވުން ރަނގަޅުކޮށްދީ ހަށިގަނޑުގެ މަސްތަކަށް ވެސް ގިނަ ފައިދާތަކެއް ލިބެ އެވެ.

ޗިއާ ބެރީ ޖޫސް

1/2 ޖޯޑު ސްޓްރޯބެރީ . 1/2 ޖޯޑު ބްލޫބެރީ، މިންޓް ފަތް، 1 ސައި ސަމުސާ މާމުއި، 1 ސައި ސަމުސާ ޗިއާ ސީޑް

ބެރީގެ ބާވަތްތަކަކީ އެންޓިއޮކްސިޑަންޓްސް ގިނަ އަދި ގުދުރަތީ ހަކުރުން މުއްސަނދި ބާވަތްތަކެކެވެ. އެހެންވެ، ކަސްރަތުކުރުމަށް ފަހު މަސްތަކަށް އެ އަންނަ ވަރުބަލިކަމުން ދުރުކޮށްދިނުމަށް މި ބުއިން އެހީވެދޭނެ އެވެ. ކޮރެއާގައި ދުވުންތެރިންގެ މެދުގައި ހެދި ސާވޭއަކުން އެނގުނު ގޮތުން، ކަސްރަތުގެ ކުރިން ބްލޫބެރީ ބުއިމުން ދުވުންތެރިންގެ ޕާފޯމަންސް ވަރަށް ރަނގަޅުވި އެވެ. އެއާއެކު ޗިއާ ސީޑަކީ ޕްރޮޓީން އާއި ފައިބާ ހަށިގަނޑަށް ލިއްބައިދޭނެ ބާވަތެކެވެ.

ކޮފީ

1 1/2 ސައި ސަމުސާ ކޮފީ

ކޮފީއަކީ ހަށިގަނޑު ހޭލައްވާލަދޭ އަދި ވަރުޖައްސުވައިދޭ އެއްޗެކެވެ. ކޮފީ ބުއިމުގައި ސަމާލުވާންވީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެފެއިން ނެގުމަށެވެ. ރަނގަޅު މިންވަރުން ކެފެއިން ބުއިމުން ވަރުބަލިވުން ދުރުކޮށްދޭނެއެވެ. އެހެންނަމަވެސް ހަވީރު މާ ލަސްކޮށްފައި އަދި ރޭގަނޑުގެ ވަގުތުތަކުގައި ކަސްރަތުކުރާ ނަމަ ބޮޑަށް އެދެވިގެންވަނީ ކޮފީ ނުވަތަ ކެފެއިން ހިމެނޭ ބުއިންތަކުން ދުރުހެލިވުމެވެ.

ގްރީން ޓީ

ގްރީންޓީ އަކީ އެންޓި އޮކްސިޑަންޓްްސް އިން މުއްސަނދި، އަދި މަދު މިންވަރަކަށް ކެފެއިން އެކުލެވޭ ބުއިމެކެވެ. ކަސްރަތު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ގްރީން ޓީ އެއް ބޯލުމުން، ހަކަތަ ލިއްބައިދީ އަދި މާ ބޮޑަށް ވަރުބަލިވުމާއި ބަނޑުހައިވުމުން ދުރުކޮށްދޭނެ އެވެ.

ކުރުނބާ

އަހަރެމެން ދިވެހިންނަށް ކުރުނބާގެ ފައިދާތައް ކިޔައިދޭކަށް ވެސް ނުޖެހޭނެ އެވެ. ކުރުނބާފެނަކީ ހަށިގަނޑުގެ އިލެކްޓްރޯލައިޓްގެ މިންވަރު އިތުރުކޮށްދީ ހަށިގަނޑު ރީހައިޑްރޭޓްކޮށްދިނުމަށް ވަރަށް ރަނގަޅު ބުއިމެކެވެ. ޑައިޓީޝަން ޑަޔާނާ ގަރީގްލިއޯ ކްލިލެންޑް ބުނާ ގޮތުން ކުރުނބާފެން ބުއިމަށް އެންމެ ރަނގަޅީ ހެނދުުނު ހުސް ބަނޑާ ހުރެ އެވެ. ކުރުނބާފެން ވަކިން ބުއިމުުގެ ބަދަލުގައި އެހެން ޕްރީވޯކްއައުޓް ބުއިމަކާ އެކީ ވެސް ބޭނުންކުރެވިދާނެ އެވެ.

މި ނޫނަސް، ގޭގައި ތައްޔާރުކުރެވިދާނެ އަދި ކިތަންމެ ބާވަތެއްގެ ޕްރީ ވޯކްއައުޓް ޑްރިންކްތަކެއް އެބަހުއްޓެވެ. އަހަރެމެންނަށް ފަސޭހައިން ލިބޭ ބާވަތްތަކުގެ ތެރެއިން، ދޮންކެޔޮ އަދި އާފަލު ސްމޫތީ، ކަރާ، ކުރުނބާފެން އަދި ލުނބޯ ހުތް ޖޫސް، އަންނާރު އަދި ޕެޝަންފްރުޓް ޖޫސް ހިމެނެ އެވެ.

ކޮންމެކަހަލަ ކަސްރަތެއް ކުރިކަމުގައި ވިޔަސް، ކަސްރަތަކީ ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވާ ކަމެކެވެ. އެހެންވެ، ގިނައިން ފެންބުއިމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ. ހަމައެޔާ އެކު ޑައިބެޓީސް ހުންނަ ނަމަ ނުވަތަ މާބޮޑަށް ބަރުދަން އިތުރުވެފައިވާ ނަމަ މޭވާ ޖޫސް ބުއިމަކީ އެދެވޭކަމެއް ނޫނެވެ. އަދި ކަސްރަތުކުރާ ވަގުތާ މާ ކައިރިކޮށްފައި މިފަދަ ބުއިންތައް ބުއިމުގެ ބަދަލުގައި 45 - 120 މިނިޓާ ދެމެދުގެ ވަގުތުކޮޅެއް ކަސްރަތުކުރުމުގެ ކުރިން ދިނުން މުހިންމެވެ.