ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިން ފަރާތްތަކަށް ކުރިން މާލެ ސަރަހައްދުން ލިބިފައިވާ ބިން ދޫކޮށްލަން ޖެހޭ މުއްދަތު އިތުރުކޮށް، އެފަރާތްތަކާ އެކު ހެދި އެއްބަސްވުމަށް ބަދަލު ގެނެސްފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި ލިބުނު ފަރާތްތަކުގެ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތަށް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވަނީ ސޮއި ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށެވެ.
ގޯތި ލިބުނު ބައެއް މީހުންނަށް މިދިޔަ އާދީއްތަދުވަހު ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފެށި އެވެ. އޭރު އޮތް ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ބިން ދޫކޮށްލުމުގެ ގާނޫނީ މަސައްކަތްތައް ފަށަން ޖެހެ އެވެ.
މިގެނައި ބަދަލު ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއި ކުރި ފަރާތްތަކަށް ފެންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން މި ބަދަލު ގެނައި އިރު، ބިން ދޫކޮށްލުމަށް ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި މުއްދަތު މާ އަވަސް ކަމަށް ބުނެ ގޯތި ލިބުނު ބައެއް ފަރާތްތަކުން ދިޔައީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މާލޭގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ވަނީ ނަގައި ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު، އެއީ 9،003 ގޯތި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގޯތި ދޭ ގުޅިފަޅާއި ގިރާވަރުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިއްކުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.