ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވައުދުވެވަޑައިގެންފި އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ރަށެއްގެ ކޮންމެ ބިމެއް ވިޔަސް ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެ ބިންތައް ރައްޔިތުންނަށް ދިނުމާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ.

ނަމަވެސް، ބޯހިޔާވަހިކަން ދިނުމުގައި އިންސާފުވެރި އުސޫލެއް ގެންގުޅެން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފޮޓޯއަކާ އެކު ކުރެއްވި އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގު ބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު އެ ބިންތަކުގައި ހަދާފައިވާ ފްލެޓްތަކުން 20-25 އަހަރަށް 2.5 މިލިއަން ރުފިޔާ ރައްޔިތުން ދައްކަން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"ދިވެހި ދައުލަތުގައި އޮތް (އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ) އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްގުން އެއްބައި ރައްޔިތުން މަހުރޫމުވެފައި އަދި ހަމަ އެ ބިމުގައި އިމާރާތް ކޮށްފައިވާ އިޖުތިމާއީ ބޯ ހިޔާވަހިކަމުގެ ކުދިކުދި ފްލެޓް ތަކުން 20-25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮން ކަހަލަ ހަމަ އަކުން، ކޮން ކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ،" ގާސިމްގެ ޓުވީޓުގައި ސުވާލު ކުރެއްވި އެވެ.

ކުރީގެ ސަރުކާރުތަކުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ގާތްގަނޑަކަށް 11،000 ފްލެޓް އިމާރާތް ކޮށްފައި ވެ އެވެ. މި ސަރުކާރުން ވެސް އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 4،000 ފްލެޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ފްލެޓްތައް ހިލޭ ދޭން ގާސިމް ވައުދުވެވަޑައިގެންނެވި އިރު، މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް ހައުސިން ފްލެޓްތަކަށް ފައިސާ ނުދައްކަ އެވެ. ފައިސާ ނުދެއްކި ނަމަވެސް، މިހާތަނަށް އެ މީހުންނާ މެދު އެއްވެސް ސަރުކާރަކުން ފިޔަވަޅެއް ނާޅަ އެވެ.