ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ވަށައިޖެހޭ ހައްލެއް ގެނައުމަށާއި އަސާސީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެކަނި 30،000 ހައުސިން ޔުނިޓު އަޅައި ނިންމަން މެނިފެސްޓޯގައި ހިމަނައިފި އެވެ.
ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ "ކަށަވަރު ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން އެ މައްސަލަ ހައްލުކުރަން ގެންގުޅޭ ތަސައްވަރުގެ މައުލޫމާތު ހިއްސާކުރަން ރޭ ބޭއްވި ފޯރަމެއްގައި މެނިފެސްޓޯ އެކުލަވައިލި ކޮމިޓީގައި ހިމެނިވަޑައިގެންނެވި މޫސާ ނިޒާރު ވިދާޅުވީ ފާއިތުވި ބައި ގަރުނު ތެރޭގައި، ހާއްސަކޮށް މާލެއަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ އަސްލަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ.
"މިހާރުން މިހާރަށް ބެލިޔަސް މާލެއަށް 25،000 ބޯހިޔާވަހިކަން ބޭނުންވޭ. އެ ނިސްބަތުން މުޅި ރާއްޖެއަށް 40،000 ބޯހިޔާވަހިކަން ނޫނީ ގޯތި ބޭނުންވޭ،" މެނިފެސްޓޯ އެކުލަވާލުމުގައި ކަމާގުޅޭ މާހިރުންގެ އަންދާޒާތަކަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ ބޮޑުކަން ވިސްނިވަޑައިގެން، ގާސިމް ހުށަހަޅުއްވާފައިވަނީ ވަރަށް ވަރުގަދަ ހައްލެއް ގެނެވޭނެ ގޮތްތަކެކެވެ.
މީގެތެރޭގައި، ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އަސާސީ ބޯހިޔާވަހިކަމަށް އެކަނި 30،000 ހައުސިން ޔުނިޓު އަޅާނެ ކަމަށާއި، އޭގެ ދެ ބައިކުޅަ އެއްބަޔަކަށް މާލެ ސަރަހައްދަށް ހާއްސަކުރާ ޔުނިޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، މިހާރު ސޯޝަލް އެކި ހައުސިން ސްކީމްތަކުގެ ދަށުން ފްލެޓު ލިބިފައިވާ މީހުންނަށް ކުލި މާފުކޮށް ދިނުމާއި، އަތޮޅުތެރޭގައި ގެދޮރު އަޅަން ކުޑަ އިކުއިޓީއަކާއި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޭން ވަނީ ހިމަނައިފަ އެވެ.
"ކަށަވަރު ބޯހިޔާވަހިކަން" ސިޔާސަތުގެ މުހިންމު ބައެއް ބައިތައް
● އަލަތު ކައިވެންޏަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށް 18،000 ހައުސިން ޔުނިޓް
● ގެދޮރު އަޅަން 10 ޕަސެންޓް އިކުއިޓީ އާއި 5 ޕަސެންޓު އިންޓަރެސްޓުގައި ލޯން.
● އަގު ކޮންޓްރޯލް ކުރެވިފައިވާ "އުޖާލާ ގެދޮރު"ގެ 6،000 ހައުސިން ޔުނިޓް.
● ލަގްޒަރީ "ނަލަ ގެދޮރު"ގެ 6،000 ހައުސިން ޔުނިޓް.
● ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށް ހާއްސަ ހައުސިން ސްކީމް.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ މެނިފެސްޓޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިންނަ ޚާލިދު ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ހިންގި ހައުސިން ސްކީމްތަކުގައި އެންމެ ހައްގުވެރި ފަރާތްތަކަށް ބޯހިޔާވަހިކަން ނުލިބުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ.
އެކަމަށް ގާސިމްގެ ވެރިކަމެއްގައި ހައްލު ގެންނާނީ ހިންނަ ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ފަރުމާކުރާ "ގެދޮރު ޔަގީން ޕޯޓަލް" އިންނެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގާއިމުކުރާ މި ޕޯޓަލުން ހައުސިން ސްކީމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތުތައް ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފޯރަމްގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭތޯ އަތޮޅުތެރެއިން މީހަކު މާލެ ނާންނަ ކަމަށެވެ.
އަތޮޅުތެރެއިން މީހުން މާލެއަށް ހިޖުރަކުރަން މަޖުބޫރުވަނީ ތައުލީމާއި ސިއްހަތާއި ވަޒީފާ ފަދަ ޒަރޫރީ ބޭނުންތައް ފުއްދަން ކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ އެއްވެސް ސަރުކާރަކަށް މައްސަލައިގެ އަސްލަށް ފައިބައި، ހައްލުކުރަން މަސައްކަތެއް ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ތޮއްޖެހުން ކުޑަކުރަން ވިލިގިނލިން ގޯތި ދީ، އޭގެ ފަހުން ހުޅުމާލެ ހިއްކައިގެން ބޯހިޔާބަހިކަން ދިނުމުން ވެސް މައްސަލަ ހައްލުނުވަނީ އެހެންވެ އެވެ.
"އިރާދަކުރެއްވިއްޔާ ގާސިމްގެ ވެރިކަމެއްގައި މި މައްސަލައިގެ މުލަށް ފައިބާ މައްސަލަ ހައްލުކުރަން. އެއީ ސަރަހައްދީ ތަރައްގީ ގެނައުން،" މާލެ ނޫން ހިސާބުތަކުގައި އިގުތިސާދާއި ތައުލީމާއި ސިއްހީ ފަރުވާ ތަރައްގީ ކުރުމަށް ގާސިމް ގެންގުޅުއްވާ ވިސްނުންފުޅަށް އިޝާރާތް ކުރައްވައި އަލީ ވިދާޅުވި އެވެ.
މި ސަރުކާރުން ދޭ ގޯތިތައް އަތެއް ނުލާނެ
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތައް ލިބޭ މީހުންގެ ގޯތިތައް ގާސިމް ވެރިކަމެއް އަތުނުލާނެ ކަމުގެ ޔަގީން އެ މަނިކުފާނުގެ ރަނިންމޭޓް އަމީން އިބްރާހިމް އެ ފޯރަމްގައި ދެއްވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ގާސިމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ އިރު، ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާއި އިންސާފުން ސަރުކާރުން ރައްޔިތުންނަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ކަށަވަރުކުރާނެ އެވެ.
"އަޅުގަނޑުމެން ކުރާނެ ކަމަކީ ކުރިއަށް އޮތް ތަނުގައި އެކަމެއް ފުރިހަމަ ކޮށްދިނުން. އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭނެ،" މި ސަރުކާރުން ދޭ ގޯތިތަކުގައި ގެދޮރު އެޅޭނެ ލުއި ގޮތްތައް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އަމީން ވިދާޅުވި އެވެ.
ގާސިމް އިއުލާނުކުރައްވާފައިވަނީ ރާއްޖޭގެ ދަރަނީ ނިސްބަތާ އެކު ހިންގުމުގެ ޚަރަދު ކުޑަކޮށް، އުފެއްދުތެރިކަން އިތުރުކުރުމާ އެކު ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭ މެނިފެސްޓޯ އެކެވެ.
މައިގަނޑު 15 ދާއިރާއަކަށް ބަހާލާފައިވާ މެނިފެސްޓޯ އަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގު ކަމަށް ޖޭޕީން ބުންޏެވެ.
އަދި އެ މަގަށް ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ހޯއްދަވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.