އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދި ކާމިޔާބު ފާހަގަ ކުރަން، ޖުމްހޫރީ މައިދާނުގައި ބޮޑު އިވެންޓެއް ބާއްވަން ސްޕޯޓްސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިއްޔެ ނިމުނު މިފަހަރުގެ ގޭމްސްގައި ރާއްޖޭން ވަނީ ޖުމުލަ 28 މެޑަލް ހޯދައިފަ އެވެ. އެއީ ފަސް ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑައްޔެވެ.
ފަސް ރަން މެޑަލްގެ ތެރެއިން ޓީޓީ ކުޅުންތެރިން ވަނީހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އަނެއް މެޑަލް ހޯދީ ބެޑްމިންޓަންގެ އަންހެން ޑަބަލްސް ޕެއާ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދުރައްޒާގެވެ. ޓީޓީގެ އަންހެން ޓީމު އިވެންޓުން އަދި އަންހެން ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި އަންހެން ސިންގަލްސްއިން ރަން މެޑަލް ހޯދި އެވެ.
ކުޅިވަރުތަކުން ރާއްޖޭން މެޑަލްސް ހޯދި ގޮތް:
- ޓީޓީ: 4 ރަން މެޑަލް، 4 ރިހި މެޑަލް، 1 ލޯ މެޑަލް
- ބެޑްމިންޓަން: 1 ރަން މެޑަލް، 3 ރިހި މެޑަލް، 3 ލޯ މެޑަލް
- ޓައިކްވަންޑޯ: 2 ރިހި މެޑަލް، 3 ލޯ މެޑަލް
- އެތުލެޓިކްސް 3 ލޯ މެޑަލް
- ޕެރަ އެތުލެޓިކްސް: 2 ލޯ މެޑަލް
- ބާސްކެޓްބޯލް ތްރީ އޮން ތްރީ: 2 ލޯ މެޑަލް
މާދަމާ ރޭ ނުވައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވާ އިވެންޓަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި އެކްސްކޯ މެންބަރުންނަށް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.
މަހްލޫފް ވިދާޅުވީ އެ އިވެންޓްގައި ހަވާ އެރުވުމާ އެކު ބާއްވާ އިވެންޓްގައި ކުލަގަދަ މަރުހަބާ އެއް ކިޔުމަށް ތައްޔާރީތައް ވަމުންދާ ކަމަށެވެ.