ލަގްޒަރީ އެއާލައިން "ބިއޯންޑް"އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފި އެވެ.
އެ އެއާލައިނުން ވަނީ ޕައިލެޓުންނާއި ކެބިން ކްރޫއިންނާއި ގްރައުންޑް ސްޓާފުންނަށް ދިވެހިން ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެ އެއާލައިނުން ބުނީ "ބިއޯންޑް" އަކީ އޭވިއޭޝަންގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މި ދާއިރާއިން ކެރިއާއެއް ބިނާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއާލައިނެއް ކަމަށެވެ. "ބިއޯންޑް"އަށް އެކި ދާއިރާތަކުން ނަގާ މުވައްޒަފުންނަށް އިތުރު ތަމްރީނާއި ތައުލީމު ހާސިލްކޮށް މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
"ބިއޯންޑް"ގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވި ގޮތުގައި ދިވެހިންނަކީ ޓޫރިޒަމް ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށް ޓޫރިޒަމާ ގުޅުންހުރި ދާއިރާތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ވާއިރު މި ފަދަ ބަޔަކު އެ އެއާލިނުގެ ޓީމުން ފުރުސަތުު ދޭން ބޭނުންވެ އެވެ. އަދި މިއީ އޭވިއޭޝަނުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"ބިއޯންޑް"ގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އެ އެއާލައިނުގެ އޮފިޝަލް ވެބްސައިޓުން ފެންނާނެ އެވެ. އަދި ވަޒީފާތަކަށް ވެބްސައިޓު މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.
ބިއޯންޑް އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރާ ލަގްޒަރީ އެއާލައިނެކެވެ. އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ އެވެ.