ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ގެންދިއުމުގެ ފުރުސަތަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފައިވަނިކޮށް، ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ސަޕޯޓަރުން އެއްވެއްޖެ އެވެ.

އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ރީތިކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށާއި އެ އިން ބޭރުން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، އެކި ކަހަލަ ޖަލްސާތަކާއި ހިނގާލުންތައް ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގަތެވެ.

އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުން، ކާމީޔާބީ ފާހަގަކުރުމަށް ބޭއްވި އިވެންޓުގައި ބައިވެރިވި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޔާމީންގެ ގެކޮޅު، ހ. ދޫވެހި ކައިރިއަށް އެއްވެފަ އެވެ.

ވެހެމުން ދިޔަ ވާރޭގައި ސަޕޯޓަރުން އެތަނަށް އެއްވެ، ޔާމީން މިނިވަން ކުރުމަށާއި އިންސާފު ގާއިމް ކުރުމަށް ގޮވާލައި އަޑުގަދަ ކުރި އެވެ. އަދި، މިހާރު އޮތީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ބުނެ، މިހާރުން މިހާރަށް ޔާމީނަށް މި ސަރުކާރުން ދެމުންގެންދާ އަނިޔާ ހުއްޓާލުމަށް ވެސް ގޮވާލި އެވެ.

ސަޕޯޓަރުންގެ އިހުތިޖާޖަށް ބައި ގަޑިއިރެއްހާ އިރު ފަހުން، ގޭބަންދުގައި މިވަގުތު ހުންނެވި ޔާމީން ވަނީ ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާ އަޅުއްވައިފަ އެވެ. އެވަގުތު އަރިހުގައި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ހުންނެވި އެވެ.

ޔާމީން ގެއަށް ބަދަލުކުރީ މުއިއްޒު އިންތިހާބުވެވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ގޮވާލައްވާފައި ވަނިކޮށް ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު އެވެ.

އެކަން ފާހަގަކުރައްވައި މުއިއްޒު ރޭ ވިދާޅުވީ، ނޮވެމްބަރު 17 އާ ހަމައަށް ދާއިރު މި ސަރުކާރުގެ ނުފޫޒު ނިމުމަކަށް އައިސް، އުސޫލުގެ ތެރެއިން ޔާމީން މިނިވަން ވާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރު މިހާރު އޮތް ޕްރޮސެސް އިން އެ މަނިކުފާނު މިނިވަން ނުވާ ކަމުގައި ވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެހާތަނަށް އެ މަރުހަލާ ރީތި ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނޫން ނަމަ ގައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށެވެ.