ޚަބަރު / އިބްރާހިމް ރިފްއަތު، އެޓާނީ ޖެނެރަލް

މި ސަރުކާރުގެ ހިދުމަތް ހުއްޓުވައި ވަކި ކަމެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ނެތް: އޭޖީ

އެޓާނީ ޖެނެރަލް ރިފްއަތު "މިހާރު"އާ ވާހަކަ ދައްކަވަނީ: އިންތިގާލީ މަރުހަލާގައި ވަކި ކަމެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށާއި ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައަށް މި ސަރުކާރު ހިނގަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަތް ކަމެއް ނުކުރަން ސަރުކާރަށް އަންގަވައިފަ އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަން ފެށުމުގެ މަރުހަލާއަށް އުފެއްދި އިންތިގާލީ އޮފީހުން ވެސް އަންނަނީ ސަރުކާރުގެ ކުންފުނިތަކަށް ވަކި ކަންތައްތަކެއް ނުކުރަން އަންގަމުންނެވެ. އޭގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ވަޒީފާގެ ކުރިއެރުން ނުދިނުމާއި ލޯނު ނުނެގުމާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ކަންކަން ހިމެނެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަންތައް ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް, ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)އާ ހަވާލާ ދެއްވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމި ހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އިންތިހާބަކަށް ފަހު އާ ސަރުކާރެއް އުފެދުމާ ހަމައަށް އަންނަ އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމުމަކަށް އަންނާނީ 17 ނޮވެމްބަރު 2023 ގައި, އިންތިހާބީ ރައީސް ހުވާކުރެއްވުމާ ހަމައިން. އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ," ރިފްއަތު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ރިފްއަތު: އަލަށް އިންތިހާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

އޭގެ އިތުރުން ދައުލަތެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހާ މާލީ ކަންކަން ވެސް ކުރަން ޖެހޭނެ ކަމަށާއި އެއީ ވެރިކަން ފަސް އަހަރަށް ރައްޔިތުން ހަވާލުކުރަނީ ހުއްޓުމެއް ނައިސް ދައުލަތް ހިނގަން ކަމަށްވާތީ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް އިންތިހާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި މައިގަނޑު ދެތިން ކަމެއް އޮންނައިރު ހިމެނެނީ އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަންކަމަށް އެހީތެރިވާން ޑައިރެކްޓަ އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރުމާއި ހޭދަކުރެވޭނެ ފައިސާއާ ގުޅޭ މިންވަރު ކަމަށް ވިދާޅުވި އެވެ.

"އެ ނޫން އެއްވެސް ވާހަކައެއް އެ ގާނޫނުގައި ނުބުނޭ. މިސާލަކަށް ހިނގަމުންދާ ސަރުކާރަކުން ކުރަމުންދާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭނެއޭ, ހިނގަމުންދާ މަޝްރޫއެއް ހުއްޓުމަކަށް ގެންނަން ޖެހޭނެއޭ ޓެންޑާ ބޯޑުގައި ހިނގަމުންދާ ބިޑެއް ފަސްކުރަން ޖެހޭނެއޭ ނުވަތަ ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީގެން ނުވާނެކަމަށް އެންގިދާނެއޭ އެ ގާނޫނުގައި ބަޔާންކޮށްފައެއް ނޯވޭ." ރިފްއަތު ވިދާޅުވި އެވެ.

"ހަގީގަތަކީ މި ކަހަލަ ވެރިކަން ބަދަލުވުމުގެ މަރުހަލާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީގައި ސަރުކާރު ދެމި އޮންނަން ޖެހުން. އަދި އެގޮތަށް ދެމިއޮންނައިރު އެއްވެސް ގޮތަކަށް ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކޮށްގެން ނުވާނެ ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް މުއައްސަސާއަކުން ވެސް," އޭޖީ ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކުން ބަޔާން ނެރެފައިވާ ކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ ގާނޫނާ ޚިލާފުނުވާ ހިނދެއްގައި ސަރުކާރުގެ ހިދުމަތްތައް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

"އިންތިހާބީ އާ ރައީސަކު އެދިވަޑައިގަންނަވާ ކަންތައްތަކަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމާއި ނުދިނުން އެއީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގަނެފައި އޮންނަ ރިވެތި ސިފައެއް. އެހެންވެ އެކަމުގައި މި ސަރުކާރުގެ މައްޗަށް މޯރަލް އޮބްލިގޭޝަނެއް އޮވެދާނެ. އިޖާބަދެވެން އޮތް މިންވަރަކަށް އިޖާބަ ދޭން ވެސް ވާނެ. އޭގެ މާނައަކީ ސަރުކާރަކުން ކުރަން ފަށާފައި ހުރި މަސައްކަތްތައް އެ ހިސާބަށް ހުއްޓާލުމެއް ނޫން, ސަރުކާރު އޭގެ ޒާތުގައި ދެމިއޮންނަންވާނެ އާ ސަރުކާރު ހަވާލުވަންދެން," ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ޓްރާންސިޝަން އަކީ މި ގައުމުގައި އާ ކަމެއް ވެސް ނޫން ކަމަށާއި މީގެ ކުރިން ވެސް އަމަލުކޮށްފައި ވަނީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ބާރާ އެކު ހިނގަހިނގާ އޮންނަ ގޮތަށެވެ.

މި ވެރިކަން އުފެދުނު މަރުހަލާގައި ވަކި ކަންތައްތަކަކާ ގުޅޭ ގޮތުން ގާނޫނީ ލަފައަކަށް އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއަކުން ވެސް އެކަން ސާފުކޮށް އެނގެން އޮތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ލަފައަކަށް އޭރު އެދިފައި އޮތީ މަޝްރޫއުތައް ޓެންޑަރަށް ހުޅުވާލުމާއި އާ މަޝްރޫއުތައް ނުފެށުމާއި ދައުލަތުގެ ނަމުގައި ލޯނު ނުނެގުމާއި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނިންމުމާ މެދުގަ އެވެ. މި ކަންކަމުގެ ލަފައަކަށް އޮކްޓޯބަރު 9, 2018 ގައި އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައި ދީފައި އޮތް ލަފާގައި އޮތީ ސަރުކާރުން ފައްޓާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން ފެންނަ ކަމަށެވެ.

"މި ލަފައަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް. މި ލަފައަކީ އޭގެ ޒާތުގައި ސައްހަ ރަނގަޅު ލަފައެއް." އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ވައުދެއް ފުއްދައި ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ނުވަތަ ކުރަން ޖެހޭ ކަމެއް ކުރަން ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކަށް ވެސް އެއްވެސް ހުރަހެއް ނެތެވެ.

އޭޖީ ވިދާޅުވީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ވެސް މުހިއްމު ކަމަށާއި ސަރުކާރުގެ ހިދުމަތް ހުއްޓޭ ގޮތަށް މުއައްސަސާތަކުން އަންގާ ނަމަ މަޖިލީހުގެ ކޮމިޓީތަކުން އެކަންކަން ބަލަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

79 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

12 October 2023

ޑިމޮކްރަސީތަކުގައި ކަންކަން ހިނގާ ގޮތާއި ޚިލާފަށް ބަންޑާރަ ނާއިބު (ބަނާ) ބަސްބުނާ އިރު ހަމަ އެއާ ދެކޮޅަށް ޗުއްޕު ވެސް ނުބުނެ، ހީކުރަނީ އަހަރުމެންނަކީ ގަމާރުންނޭ ތަ؟

The name is already taken The name is available. Register?

ޓެރޭސް

11 October 2023

އެކަމަކު ކަލޭމެން އައްޑޫ ކަނޑުން ބައެއް ވިއްކާލީ ރައްޔިތުންނަށް ވާއެއްނުވާއެއް ނާންގާ. ފަޅާއެރީމަ ވެސް އޮޅުވާލަން އުޅެނީ.

The name is already taken The name is available. Register?

ދޮން

11 October 2023

ޤާނޫނުގައި ނެތޭ ކިޔާފަ ނަމާދު ނުކޮށްވެސް ހުންނަން ވީތޯ ، ވެރިކަމުގައި 5 އަހަރު ދިނުމުން ރައްޔިތުންނަށް ބޭނުންވާ އަވަސް ޚިދުމަތް ނުދެވި ރައްޔިތުން ނޫނެކޭ ބުނީމާ އިތުރަށް ދޮޅުމަސް ތެރޭ ހައެކަ ސަފީރުންނަގާ ބައިތުލްމާލުއް އެތަކެއް މިލިޔަށް ބޭކާރު ކުރުމަކީ ވައުދު ފުއްދުންތޯ

The name is already taken The name is available. Register?

ނާޒިމް ހުސޭން

11 October 2023

ހަމަ ރަނގަޅަށް ތި ވިދާޅުވީ. ހުވާ ކޮށްގެން ހުންނެވީ ރ. ސޯލިހް. އެ ހުވަޔާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ވާނެ އަނެއް މީހާ ހުވާ ކުރަންދެން. އޮފީސް ތައް ހިގާގޮތް ބަލަން އަންނަ ޓީމުގެ ބައެއް މެމްބަރުންނަކީ ބޮޓުން. ކުރަނީ ތާކުންތާކު ނުޖެހޭ ސުވާލު. ތިމާމެންގެ މެންޑޭޓެއް ނޭގޭ. އެ ވިދާޅުވާ ގާބިލް މީހުން ވ ސާފުކޮށް އެގެމުން މި ދަނީ.

The name is already taken The name is available. Register?

ބޮކަރު34

11 October 2023

އިތުބާރު ކިހިނެއްކުރާނީ ބޮޑެތި ހެއްދެވިހާ ދޮގުތައް ހަދަމުންދަނީ. އ ސިފައިންނެތޭވެސް ބުނެފަތިބި ބައެއް. ގައުމު ދަރަނި ހަގީގީއޮތް އަަދަދުވެސް ފޮރުވައިގެން ތިބީ. ޢަދި ކިތައްކަންތައް ހުންނާނެ އިތުރަށް ފޮރުވާފައި

The name is already taken The name is available. Register?

ފެނކ

11 October 2023

އަންތަރީސްވާވރުވޭ މިމީހުންނާހެދީ ހަމަ. މިއޮއްހުރިހާދުވަހު ރައްޔިތުންތިބި ބައެއްކަންވެސް ނޭނގި ކުއްލިޔަކަށް ކޮން ޕްރޮޖެކްޓެއް ނުހިންގިގެން ތިޔަ އުޅެނީ. ދެންމޮއޮތް އެއްމަސްދުވަސް ތެރޭވެސް ގައުމު އޮތް އަނދަވަޅަށްވުރެ ބޮޑު އަދަވަޅަކަށް ވައްޓާލެވުނީމާތޯ ހިތްފުރޭނީ

The name is already taken The name is available. Register?

ކޮސްފަހަރިބެ

11 October 2023

ބަލަ ތިކަން ނޭގިގެން މީހަކު ނޫޅޭ. އެކަމަކު ޑިމޮކްރެޓިކް ދުލު ކުރީގަ އޮންނަ ބަޔަކަށް ޑިމޮކްރެޓިކް ރީތި ހަމަތައް ނޭގުނީމަ އެބަ އެގޭ އެއްވެސް ފެންވަރެއް ގޮތެއް ފޮތެއްނެތްކަން. ދިއްދޫސަމީރު މި އަރަނީ ޑރ. މުއިއްޒަށް ގާނޫނުގެ ފިލާވަޅު ނަގައިދޭން. އިހަށް ސުކޫލަކަށް އެކަލޭގެ ދިޔަތޯ ބަލާލަންވީނުން؟؟..

The name is already taken The name is available. Register?

އަސްރަފަ

11 October 2023

މިވަރުގެ ބޮޑު ހަޔާތްކުޑަ ވެރކަމެއް ދިވެހިން ދެކިފައި ނުވޭ

The name is already taken The name is available. Register?

އިބްރާހީމް

11 October 2023

ގާނޫނު ކިޔަވައިގެން ތިބި މީހުން ތަހުޒީބުވާންޖެހޭ. ކޮންމެ ކަމަކީ ގާނޫނުގައި ލިޔެފައި އޮންނަ ވާހަކަތަކެއްނޫން. ފަހު ހަފުތާގައި ހޭލައިތިބެގެން ބޭރުގައުމުތަކުގެ ޑިޕްލޮމެޓުން ބަދަލުކުރަން ފާސްކުރީމާ ވެރިކަން ބަދަލުވާއިރު އެމީހުންނަށް އަދި ޓިކެޓްވެސް ލިބޭވަރު ނުވާނެ. ރައްޔިތުންގެ ފައިސާ އިސްރާފުކުރުމުގައިވެސް ހައްދެއް އޮންނަންވާނެ.

The name is already taken The name is available. Register?

މެކޭ

11 October 2023

މިދައުލަތް ދުށް އެންމެ ނާޤާބިލް ބަންޑާރަ ނައިބު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454