އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަރުވާ ހޯދުމަށާއި ރައްކާތެރިކަން ހޯދުމަށް އެތަކެއް ހާސް ފަލަސްތީނުގެ މީހުން ތިބި ހޮސްޕިޓަލަކަށް އިއްޔެ ބޮން އަޅައި ހިންގި ގަތުލުއާންމުގެ ޒިންމާ ފަލަސްތީނުގެ ޖަމާއަތެއްގެ ބޮލުގައި އަޅުވަން ކުރި މަސައްކަތް ނާކާމިޔާބުވެ، އިޒްރޭލަށް ކުރިމަތިވެފައިވާ ފިއްތުންތައް އެތައް ގުނައެއް ބޮޑުވެއްޖެ އެވެ.
މެދުކެނޑުމެއް ނެތި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވި މީހުންނާއި ހިމާޔަތް ހޯދަން އެތަކެއް ހާސް ފަލަސްތީނުގެ މީހުން ތިބި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މިހާތަނަށް 500 މީހުން ޝަހީދު ވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަހުގެ ތާރީހެއްގައި އިޒްރޭލުން ހިންގި އެންމެ އަނިޔާވެރި ގަތުލުއާންމުގެ ފަހަތުގައި އޮތީ ފަލަސްތީނުގެ އިސްލާމިސްޓު ޖިހާދު ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ފުރަތަމަ ބުންޏެވެ. އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުވީ، އެ ޖަމާއަތުން އިޒްރޭލަށް ދޭން އުޅުނު ރޮކެޓު ހަމަލައެއް ކަމަށް އިޒްރޭލުން ބުންޏެވެ.
އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އިޒްރޭލުން އުޅެނީ ހޮސްޕިޓަލަށް ދިން ހަމަލާ އިން ރެކެން ކަމަށް ފަލަސްތީނުގެ އިސްލާމިސްޓް ޖިހާދުން ވަނީ ބުނެފަ އެވެ.
އެ ހަމަލާއާ އެކު، ބޭރުގެ ގިނަ ގައުމުތަކުގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ކުރަމުންދާ އިރު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ އިޒްރޭލުން ދިން ހަމަލާއަކީ ގަތުލުއާންމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އިޒްރޭލަށް ވާގިދޭ އެމެރިކާ އަށް ވެސް މި ހަމަލައާ ގުޅިގެން ވަނީ ބޭރުގެ ގިނަ ގައުމުތަކެއްގެ ފިއްތުން ބޮޑުވެފަ އެވެ.
އިޒްރޭލަށް ދަތުރުކުރެއްވުމުގެ މަގުމަތީގައި ހުންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. ނަމަވެސް، އިޒްރޭލަށް ތުހުމަތުގެ އިނގިލި ދިއްނުކުރައްވައި، ބައިޑެން ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިޒްރޭލަށް ވަޑައިގެންނެވުމުގެ ކުރިން ޖޯޑަންގައި މަޑުކުރައްވައި، އެ ގައުމުގެ ރަސްގެފާނުގެ އިތުރުން މިސްރުގެ ރައީސާއި ފަލަސްތީނުގެ ރައީސާ ބައްދަލުކުރެއްވުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އެ ޕްލޭން މިހާރު ކެންސަލް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހޮސްޕިޓަލުތައް ހިމާޔަތް ކޮށްފައިވާ އިރު، އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ކުށްވެރި ކުރެއްވި އެވެ. ގާޒާ އަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އެތެރެކުރުން ވެސް އިޒްރޭލުން މަނާކޮށްފައިވާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ގާޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަން މަތީގައި ކަމަށް، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުންޏެވެ. އަވައްޓެރި މިސްރުން ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން ރަފަހް ބޯޑަރު ހުރަސްކޮށް، ގާޒާ އަށް ވަންނަން އުޅުނު އެހީގެ ގާފިލާތަކަށް އިޒްރޭލުން ދެ ފަހަރެއްގެ މަތިން ބޮން އަޅައި، ރަފަހް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި 1،300 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، މި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ ކަމަށް އދ. ގެ އިދާރާތަކުން އަންދާޒާ ކުރެ އެވެ. އެންމެ ބާރު ގަދަ ހަތިޔާރުތަކުން ގާޒާ ސުންނާފަތި ކުރަމުން ދާއިރު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ވެސް ކަނޑާލައިފަ އެވެ.