ހދ. ކުމުންދޫ ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުރިއަށްގެންގޮސްފިނަމަ އެ އިދާރާއަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމުން، ފުޓްސަލް މުބާރާތް މިއަދު ކެންސަލްކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މުޅި ރަށަށް ހުޅުވާލައިގެން މި މަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތުގައި 10 ޓީމަކުން ވާދަކުރި ކަމަށެވެ. މައްސަލަ ޖެހުނީ މުބާރާތުގެ ފައިނަލާ ހަމައިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މުބާރާތުގެ ފައިނަލް އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ހޯމަ ދުވަހެވެ. ނަމަވެސް، ރެފްރީއާ މެދު ޓީމުތަކުގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން އެ ދުވަހުގެ މެޗު މެދުކަނޑާލުމަށްފަހު، ކައުންސިލުން ނިންމާފައި އޮތީ ފުޓްސަލް ޗެލެންޖުން މޮޅުވާ ޓީމެއް ހޮވަން މިއަދު ފައިނަލް މެޗު ބާއްވާ ގޮތަށެވެ.

އެކަމަކު، އެ މުބާރާތުގެ ފައިނަލްގައި ކުޅޭ ދެ ޓީމުގެ ތެރެއިން ޓީމެއްގެ ބަޔަކު ކައުންސިލްގެ އިދާރާއަށް ގޮސް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަށް އައިސް އިންޒާރުތައް ދިނީމަ ފައިނަލް މެޗު ނުކުޅޭ ގޮތަށް، މުބާރާތް މި ކެންސަލްކުރީ ދެން." އޭނާ ވިދާޅުވި އެވެ.

ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނީ އެ މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފިނަމަ އެ އިދާރާއަށާއި މުވައްޒަފުންނަށް ގެއްލުން ދީ، މާރާމާރީ ހިންގާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

"ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތު ދޭން މި ކައުންސިލުން ބޭނުން ނުވާތީ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 އިތުރަށް ކުރިއަށް ނުގެންދާނެ އެވެ. މި ކަމަށްޓަކައި ރަށުގެ ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ،" ޕޭޖުގައި ކުރި ޕޯސްޓެއްގައި ކައުންސިލުން ބުންޏެވެ.