އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ތޮލާލް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގަ އެވެ.
އެތުލެޓިކްސްގެ ރައީސްކަމާއި އޮލިމްޕިކް ކޮމިޓީގެ ނައިބުރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ތޮލާލް ވަނީ ގާތްގަނޑަކަށް 12 އަހަރު ވަންދެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައިސްކަން ކުރައްވާފަ އެވެ. އޭނާ މިއަދު ވަނީ އެ ދެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.
ވޯލްޑް އެތުލެޓިކްސްގެ އެގްޒެކެޓިވް މަގާމެއް އަދާ ކުރައްވާ ތޮލާލްގެ ލީޑާޝިޕްގައި އެތުލެޓިކްސް އިން ވަނީ އިންޓަނޭޝަނަލް ގޭމްސްތަކުގައި ރާއްޖެ އަށް ގިނަ މެޑަލްތަކެއް ގެނެސްފަ އެވެ.
ރައީސް، މިއަދު ވަނީ ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފަ އެވެ. އިންޑޯ ވޮލީގައި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ރެފްރީކަމުގެ ބެޖް ހާސިލު ކުރެއްވި ރިޔާޒަކީ ސްޕޯޓްސް މިނިސްޓްރީ އަށް އައްޔަން ކުރި ދެވަނަ ސްޓޭޓް މިނިސްޓަރެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރުކަން ވެސް ކުރެވި އަދި އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ މެންބަރު އިބްރާހިމް އާމިރު (ސަލްސާ) އިއްޔެ ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވައިފަ އެވެ.