ކުޅިވަރު އެސޯސިއޭޝަންތައް ވެސް ކޮންމެ އަހަރަކު ގަވާއިދުން އޮޑިޓްކުރަން ލާޒިމުކޮށް އެކަމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ލިޔުންތައް، މަދު އެސޯސިއޭޝަނެއް ފިޔަވައި، ގިނަ އެސޯސިއޭޝަންތަކުން އޮންނަ އުސޫލުގެމަތިން ހުށަހަޅާ ކަމަށެވެ.
ނަމަވެސް ގާނޫނުން ލާޒިމުކޮށްފައި އޮތް އޮޑިޓް ކުރުން، ގިނަ އެސޯސިއޭޝަންތަކުން ނުކުރާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް ކުރޭތޯ ވެސް މިދިޔަ ދައުރުތަކުގައި ބަލާފައި ނުވާ ކަމަށެވެ.
"އޮޑިޓް ނުކޮށްގެން އެއަށް އަޅަންޖެހޭ ފިޔަވަޅެއް ނޫނީ އެކަން ނުކުރާ ވާހަކަ ވެސް އެސޯސިއޭޝަންތަކުގައި ބުނެފައި ނުވާކަން،" ގާނޫނުން ލާޒިމުކޮށްފައި ވީ ނަމަވެސް އެސޯސިއޭޝަންތައް، އޮޑިޓް ނުކޮށް އޮތް މައްސަލަ ފާހަގަ ކުރައްވަމުން ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ އިދާރާތަކުން ގަބޫލުކުރާ އޮޑިޓް ފާމުތަކުން އެސޯސިއޭޝަންތައް އޮޑިޓްކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.
އޮޑިޓް ފާމަކާ ހަވާލުކޮށްގެން އޮޑިޓް ކުރުމަކީ ހަރަދުތަކެއް ވެސް ހިނގާ ކަމެއްކަން ތޮލާލް ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެސޯސިއޭޝަންތަކުގެ އޮޑިޓް ކުރުމުގެ މަސައކްަތް ކުރުމަށް ދެ މޮޑެލްއަކާ މެދު ވިސްނުން ގެންގުޅެމުންދާ ކަމަށް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބު ރައީސް ތޮލާާލް ވިދާޅުވި އެވެ.
"އެއް ގޮތަކީ އަޅުގަނޑުމެން އޮޑިޓް ފާމެއް ހަޔާކޮށްފަ އެސޯސިއޭޝަން އޮޑިޓްކުރަން ދިނުން. ދެން ދެވަނަ ގޮތަކީ އަޅުގަނޑުމެން އޮލިމްޕިކް ކޮމިޓީއާ ވާހަކަ ދައްކާފަ އޮންނާނެ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އޮޑިޓް ފާމެއް އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި ގެންގުޅުން،" ތޮލާލް ވިދާޅުވި އެވެ.
ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވަޑައިގަތުމާ ހަމައަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި ތޮލާލް ވިދާޅުވީ އެ ދެ ގޮތުން ކުރެ ކޮންމެ ވެސް އެއްގޮތަކަށް ވަރަށް އަވަހަށް ނިންމައި މި އަހަރު އެސޯސިއޭޝަންތައް އޮޑިޓް ކުރަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިނިސްޓްރީގެ އެކި ފެންވަރުގެ ވެރިން އެ ބޭފުޅުންގެ ދާއިރާއަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ރާފިއު ވިދާޅުވީ އެސޯސިއޭޝަންތައް އޮޑިޓް ކުރުމަކީ "ރެގިއުލާ ޕްރެކްޓިސް އަކަށް" ހަދަން ބޭނުންވާ ކަމަށެވެ.
"އެކަން [އޮޑިޓް ކުރުން] ރެގިއުލާ ޕްރެކްޓިސް އަކަށް ހެދުން. ހަމަ އިންޑަޕެންޑެންޓް ބައެއް ލައްވާ (އޮޑިޓް ކުރުން)،" އިންޓަވިއުގައި ރާފިއު ވިދާޅުވެފައި ވެއެވެ.