މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރާ ދެ ވަނަ ފީޗާ ފިލްމު "ލަސްވިޔަސް" އަންނަ އަހަރު އޭޕްރީލްގައި ނެރެން ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.
ޓެޑްރީ ބުނީ މި ފިލްމުގެ ސްޓޯރީއާ ބެހޭ ގޮތުން އަދި މާ ބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގައި މި ފިލްމުގެ ޓްރެއިލާ ނެރެން ހަމަޖެހިފައިވާ ކަމަށާއި ފިލްމާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ވެސް ޓެޑްރީ ބުންޏެވެ.
މި ފިލްމުގެ ރޯލަކުން ކުރީގެ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމް ފެންނާނެ އެވެ. ޓެޑްރީ ބުނީ ޒޯޔާގެ މަންމަ ފަދައިން އެއީ ވެސް ހުނަރުވެރި އެކްޓްރެސްއެއް ކަމަށާއި މި ފިލްމުން އެކަން ވަރަށް ފުރިހަމައަށް ފެންނާނެ ކަމަށެވެ.
މި ފިލްމުގައި ޒޯޔާ ފެންނާނީ ސްޓޭޖް 4 ކެންސާ ޕޭޝަންޓެއްގެ ގޮތުގައި ކަމަށް ޓެޑްރީ ބުންޏެވެ.
މި ފިލްމުގެ ލީޑު ރޯލުގައި އުޅޭނީ ވާޝިޔާ މުހައްމަދާއި އަހުމަދު އީސާ (އާނަންދު) އެވެ.
ކުރީގެ ތަރި ފައުޒިއްޔާގެ އިތުރުން ރީކޯ މޫސާ މަނިކު ވެސް ހިމެނޭ މި ފިލްމު އަޅުވަން ނިންމާފައި ވަނީ އޭޕްރިލް 12 ގަ އެވެ.