އެންމެ ކުޑައިރުން ފެށިގެން ވެސް އަހަރެމެންނަށް ފަރިތަކޮށްދިނީ ހޭލާ ގޮތަށް ދަތް އުނގުޅާށެވެ. މަންމަމެން ދަތް ނޫނގުޅަންޏާ ސައި ނުލިބޭނޭ ވެސް މަންމަމެން ބުނެ އެވެ. އެހެންވެ މި ތިބީ ދަތް އުނގުޅައިގެން ނޫނީ ސައި ނުބޯ ގޮތަށް އާދަވެފަ އެވެ.

ހެނދުނު ދަތް އުނގުޅުމަކީ ދަތް ފަނިކެއުމާއި ދަތާއި ހިރުގަނޑުގެ ބަލިތަކުން ރައްކާތެރިކުރުމަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެވެ. މަންމަމެން އެ ބުނެދިނީ ރަނގަޅަށެވެ. އެކަމަކު ހެނދުނު ދަތް އުނގުޅަންވީ އެންމެ ރަނގަޅު ވަގުތާ މެދު ޑެންޓިސްޓުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ބަހުސެއް މިހާރު އޮވެ އެވެ.

ބައެއް ޑެންޓިސްޓުން ބުނާ ގޮތުގައި ދަތް އުނގުޅަން އެންމެ ރަނގަޅީ ހެނދުނު ހޭލާ ގޮތަށެވެ. އަނެއް ބަޔަކު ބުނަނީ ދަތް އުނގުޅަން އެންމެ ރަނގަޅީ ހެނދުނުގެ ސަޔަށް ފަހު ކަމަށެވެ.

ހެނދުނުގެ ސަޔަށް ފަހު ދަތް އުނގުޅާ ނަމަ، ސައި ބުއިމަށް ފަހު 30 މިނެޓެއްހާއިރު ފަހުންނެވެ. މިއީ ކެއި އެއްޗެހީގައި ހިމެނޭ އެސިޑުގެ މިންވަރު އަނގައިތެރެއިން ކެނޑެން ދޭ ވަގުތު ކޮޅެކެވެ.

ހެނދުނު ހޭލާ ގޮތަށް ދަތް އުނގުޅި ނަމަވެސް، ސަޔަށް ފަހު ފަހު އުނގުޅި ނަމަވެސް ލިބެނީ ދާދި އެއް ފައިދާތަކެކެވެ. އަނގައިގެ ނުބައި ވަސް ކެނޑުމާއި، ސަލައިވާ ޕްރޮޑަކްޝަން އިތުރުވުމާއި އަނގައި ތެރޭގެ ޖަރާސީމުތައް ފިލުވާލުމެވެ.

ޑެންޓިސްޓުންގެ ބަހުސްގައި އެއްބަސްވާ އެއް ކަމަކީ ދަތް އުނގުޅަނީ ސައިގެ ކުރިން ނުވަތަ ފަހުން ކަމަށް ވިޔަސް ހެނދުނު ދަތް އުނގުޅުން މުހިންމު ކަމެވެ. މި ކަމަކީ ނުކޮށް ނުވާނެ ކަމެއްގެ ގޮތުގައި އެއްބަސްވެ އެވެ.

ދަތްތަކުގެ ރައްކާތެރިކަމަށް، ހެނދުނު ދަތް އުނގުޅުން މުހިންމެވެ. މާ ބަނޑުހައިވެފައި ހުރި ނަމަ ހޭލާ ގޮތަށް ދަތް ނޫނގުޅައި ސައި ބޯލައިގެން ދަތް އުނގުޅުމުގައި ވެސް ގޯހެއް ނެތެވެ.