މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް ހިންގުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ލިބިގެންވެ އެވެ.
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުން ދޭންޖެހޭ ހިދުމަތްތައް
- އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
- ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
- ކައުންސެލިން ހިދުމަތް ދިނުން
- ޑްރަގް ޓެސްޓްކުރުން
- ސައިކޯ ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
- ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން
އެންޑީއޭ އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަން އެދިފައިވެ އެވެ. މައުލޫމާތު ސެޝަން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވަން ނިންމާފައި ވާއިރު، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މި މަހުގެ 22ވަނަ ދުވަހެވެ.
ހޯމް ލޭންޑް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި އެބަ ތިއްބެވެ. ނަމަވެސް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މީހުންނަށް ފަރުވާދީ ނިންމާލެވޭނެ ކަމަށް އެންޑީއޭ އިން ވަނީ ބުނެފަ އެވެ.