އާއިލާގެ ދެން ތިބި މީހުންނަށް އެކަން އައިސްފައި ވަނީ ބައްޕަ، އަލީ އަބްދުﷲގެ ފަރާތުންނެވެ. އޭނާގެ ފަސް ދަރިންގެ ތެރެއިން، ތިން ދަރިންނަށް، ބޮލުގެ އިސްތަށިގަނޑުގެ ކޮޅު ނުރަވުން ވަނީ ވާރުތަވެފަ އެވެ. އެއަށްފަހު، އޭނާގެ ކާފަ އަދި މުނި ކާފަ ކިޔާ ދަރިން ހިމެނޭހެން، ހަތަރު ޖީލަކަށް މިކަން ދެމިގެން ހިނގައްޖެ އެވެ.
އާއިލީ ކަމެއް ނޫން ނަމަ، ރާއްޖޭގައި އާއްމުކޮށް ނުރަޖަހަން ފަށަނީ ޒުވާން އުމުރު ފަހަނައަޅާ ދިއުމުންނެވެ. އެކަމަކު، ތ. ވަންދޫގެ މި އާއިލާގެ ތަފާތު ކަމަކީ މިއީ އެވެ.
އަލީއަށް ކާފަ ކިޔާ، އައިޝަތު އަޒްލިފާ ބުނިގޮތުގައި، އިސްތަށިގަނޑުގެ ކުރިމަތިން ކުޑަ އިސްތަށިކޮޅެއް ނުރަވެފައި ތިބޭ ކުދިން، ވިހާއިރު ވެސް ތިބެނީ އެގޮތަށެވެ. އިސްތަށިކޮޅު ނުރަވެފައި މިހާރު ހުރި އެންމެ ހަގު ކުއްޖާގެ އުމުރުން ހަތަރު އަހަރެވެ. އެންމެ ދޮއްޓަށް ހުރީ 80 އަހަރުގެ ކާފަ އެވެ.
އަންހެން އަދި ފިރިހެނުން ވެސް އިސްތަށިކޮޅު ނުރަވާއިރު ހުންނަނީ އެއްގޮތަކަށެވެ. ކޮންމެ ކުއްޖަކު ވެސް އަދި ކޮންމެ މީހެއްގެ ވެސް ބޮލާ ދިމާލުން އިސްތަށިގަނޑުގެ ކޮޅުން އެއްބައި ހުންނަނީ ނުރަވެފަ އެވެ. ބައެއް މީހުން އުމުރުން މައްޗަށް ދިއުމުން، ނުރައިގެ ކުލަ ފަނޑުވެ އެވެ. އަނެއް ބައި މީހުން، ބޯ އެއްކޮށް ނުރަވާއިރު ވެސް، ފުރަތަމަ ނުރަވި ހިސާބު ވަކިވާ ކަހަލަ ގޮތެއް ހުރެ އެވެ.
އަޒްލިފާއާ އެއްބަނޑުއެއްބަފާ ފަސް މީހުން ތިބެ އެވެ. ބޯ ނުރަވުން ވާރުތަނުވަނީ އޭގެ ތެރެއިން އެކަކަށެވެ. އޭނާގެ ދެ ކުދިން ވެސް ތިބީ ހަމަ އެގޮތަށް ބޯ ނުރަކޮށެވެ.
އެ އާއިލާގައި މިހާރު ވެސް އެގޮތަށް ނުރަވެފައި ތިބި 15 ވަރަކަށް މީހުން އެބަތިއްބެވެ.
އަޒްލިފާ ބުނިގޮތުގައި، ބޮލުގެ އިސްތަށިކޮޅު ނުރަވުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުނދަގުލެއް ނުވެ އެވެ. ނަމަވެސް، އެ މީހުން ކުޑައިރު، އެހެން ކުދިންނާ ހިލާފަށް ބޮލުގެ ކޮޅު ނުރަވެފައި ތިބޭތީ އެހެން ކުދިންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެ އާއިލާއިން މިހާރު އެކަން ބަލަނީ އާއިލާގެ ނިޝާންގެ ގޮތުގަ އެވެ.
"ޔުނިކް ކަމެއްގެ ގޮތުގައި މި ބަލަނީ މިހާރު. ވަރަށް ތަފާތެއްނު އެހެން ކުދިންނާ." އަޒްލިފާ ބުންޏެވެ.