މާލޭގެ ލޯކަލް މާރުކޭޓުގައި ވަރަށް ބޮޑަށް ކަރާ ތިޔާގިވެ، އަގުތައް ދަށްވެއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި މިހާރު އެންމެ ގިނައިން ހުރީ ތޮއްޑޫ ކަރަ އެވެ. ކަރާ ތިޔާގިވެ، މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 15-18ރ. އާ ދެމެދުގަ އެވެ.
ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް 22-25ރ. އާ ދެމެދުގައި ހުއްޓަސް މީގެ ހަފްތާއަކުން ފެށިގެން ވަނީ ކަރާގެ އަގު ހެޔޮވާން ފަށައިފަ އެވެ.
ލޯކަލް މާރުކޭޓުގެ ދަނޑުވެރިން ބުނާ ގޮތުގައި މި ރޯދަ މަހު، ކަރާގެ އަގު ބޮޑުވާނެ ކަމަށް ވެސް ނުބެލެވެ އެވެ. އެއީ އެކި ރަށްރަށުގެ ދަނޑުވެރިން ހެއްދި ކަރައިން މުޅި ބާޒާރު ތިޔާގިވެފައި އޮތުމުންނެވެ.
މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަނީ އއ. ތޮއްޑޫ އާއި ށ. ގޮއިދޫ އާއި ތ. ކަނޑޫދޫ އަދި ކ. ކާށިދޫންނެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި ކަރާގެ އާންމު އާންމުކޮށް އުފުލެނީ މޫސުން ގޯސްވެ، ރަށްރަށުން ބާޒާރަށް ކަރާ ގެނައުމަށް ދަތިވާ ނަމަ އެވެ. އެފަދަ ކަމެއް ކުރިމަތިނުވާ ނަމަ، ކަރާގެ އަގު ގާތްގަނޑަކަށް މިހާރު ހުރި ވަރަށް ލިބެމުންދާނެ އެވެ. މި ރޯދަ މަހު އިންޑިއާ އިން ވެސް ގިނަ އަދަދަކަށް ކަރާ އެތެރެކުރި އެވެ.
ރޯދަ މަހާ ދިމާކޮށް އާންމުކޮށް ގިނަ އަދަދަކަށް ކަރާ ހައްދާއިރު މިހާރު ބާޒާރުގައި ހުރި އަގަކީ މީގެ ކުރިން ރޯދަ މަސްތަކާ ބަލާއިރު ހެޔޮ އަގެކެވެ. މީގެ ކުރިން ކިލޯއެއް 35ރ. އަށް ވެސް ވިއްކި އެވެ.