އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ސަމާ ޝަރީފް ކުރިއަށް ގެންދިޔަ ލައިވެއްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފި އެވެ.

ކޮންމެ ރެއަކު ވެސް ލައިވްތައް ބާއްވައި، ސަމާގެ ރޭގެ ލައިވް ހާއްސަކުރީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ.

ލައިވްގައި ސަމާ ބުނި ގޮތުގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނޭނގިފައި ވަރަށް ގިނަ މީހުން ތިބެ އެވެ. އެހެންވެ އޭނާގެ އެ ލައިވްގެ މައިގަނޑު ބޭނުމަކީ އެހީ ދޭން ބޭނުންވާ މީހުންނަށް އެ މަގުފަހިކޮށްދިނުމެވެ.

އެ ލައިވް ނިމުނުއިރު އެހީގެ ގޮތުގައި 100،660ރ. އާއި 380 ޑޮލަރު ލިބުނެވެ.

ސަމާގެ އިންސްޓަގްރާމުގައި އޭނާ ވަނީ މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނު (އައިއޭސީ) ގެ އެކައުންޓަށް ފޮނުވާފައިވާ ސްލިޕް އާންމުކޮށްފަ އެވެ. އައިއޭސީއަކީ ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާ ހަމައަށް ގެންގޮސްދިނުމުގެ މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން އިސްވެ، ޣައްޒާއަށް އެހީ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޓިކްޓޮކް ލައިވެއްގައި ސަމާ، ގިނަ އަދަދެއްގެ ފައިސާ ހޯދިއިރު އޭނާ ވަނީ މީގެ ކުރިން ވެސް އެހީއަށް ބޭނުންވެފައިވާ ދިވެހިން ބައިވެރިކޮށްގެން އެ އާއިލާތަކަށް ވެސް ފަންޑު ހޯދައިފަ އެވެ. އޭނާގެ "ހިތުން ހިތަށް" އެކައުންޓަކީ މިކަމަށް ހާއްސަ އެކައުންޓެކެވެ.