ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ރަފަހް އަށް އަރައިގެންފި ނަމަ އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވައިފި އެވެ.
އެމެރިކާގެ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާ އިން ސަޕްލައި ކޮށްފައިވާ މިސައިލުން ދިން ހަމަލާތަކުން ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދު ވެފައިވާ ކަމަށެވެ.
މި އިންޒާރު ބައިޑަން ދެއްވީ، ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލުން ހަމަލާ ދޭން ފެށުމުން، އިޒްރޭލަށް ފޮނުވަން އޮތް މިސައިލް ޝިޕްމަންޓެއް އެމެރިކާއިން ހުއްޓުވާފައިވަނިކޮށެވެ.
އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޯރުކޮށްދެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން ފަލަސްތީނަށް ހަމަލާދިނުމާ އެކު، އެ އަދަދު އިތުރުކުރަން ބައިޑަން ވަނީ އެމެރިކާގެ ކޮންގްރެސް އަށް ބާރު އަޅުއްވައިފަ އެވެ.
"[އެމެރިކާ އިން ދީފައިވާ] ބޮމުގެ ހަމަލާތަކުން އާންމުން އެތައް ބަޔަކު ވަނީ މަރުވެފައި. މިއީ ވަރަށް ބޮޑު ގޯހެއް،" އެ އިންޓަވިއުގައި ބައިޑަން ވިދާޅުވި އެވެ.
ރަފަހް އަށް މިސައިލް ހަމަލާތައް ދޭން ފަށައި، އިޒްރޭލުން ވަނީ އެ ސިޓީ އަށް ވަންނަން އޮންނަ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފަ އެވެ. ނަމަވެސް، އދ. އާއި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެ، ރަފަހް އަށް އެހީ ވެއްދޭނެ މަގު އިޒްރޭލުން ފަހުން ވަނީ ހުޅުވައި ދީފަ އެވެ. އިޒްރޭލުން އަދިވެސް ދަނީ ހުއްޓުމެއް ނެތި ރަފަހް އަށް މިސައިލް ހަމަލާތައް ދެމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.
އާންމުންގެ އެހާ ގިނަ ބަޔަކު މަރުވެ، ޣައްޒާ ބަނޑަށްޖެހޭ ހާލަތަށް ދިޔުމުން އިޒްރޭލަށް ވާގިދޭ ޔޫރަޕްގެ ގިނަ ގައުމުތައް ވެސް ދަނީ ހަމަލާތައް ހުއްޓައިލަން އިޒްރޭލަށް ޕްރެޝަރު ކުރަމުންނެވެ. --އޭއެފްޕީ