މެންޗެސްޓާ (ފެބްރުއަރީ 25) – ލެސްޓާ ސިޓީގެ ކޯޗުކަމުން އިއްޔެ ވަކިކުރި ކްލައުޑިއޯ ރަނިއޭރީގެ ދިފާއުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ނުކުމެއްޖެ އެވެ.

މޮރީނިއޯ ކޯޗިންގައި ބޮޑަށް ވިދަން ފެށީ 2004 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމުން ރަނިއޭރީ ވަކިކުރުމަށް ފަހު އެ މަގާމަށް އޭނާ ގެނައި ހިސާބުންނެވެ. ޗެލްސީއާ އެކު މޮރީނިއޯ ކާމިޔާބީ ހޯދި ނަމަވެސް އެ ޓީމުން 2007 ގައި އޭނާ ވަކިކުރި އެވެ. އަދި 2013 ވަނަ އަހަރު އަލުން ހަވާލުވެ ލީގު ނަގައިދިން ނަމަވެސް 2015 ވަނަ އަހަރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ނޫސްވެރިންގެ ބައްދަލުވުމަށް މޮރީނިއޯ އިއްޔެ ދިޔައީ ވެސް ރަނިއޭރީގެ ނަން ފެށޭ އަކުރުތައް ކަމަށްވާ ސީ އަދި އާރް އަކުރު ޖަހާފައިވާ ޓީޝާޓެއްގަ އެވެ. މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަނުގައި ލެސްޓާ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗާ ދޭތެރޭ ކަންތައްކުރީ އިހާނެތިގޮތަކަށް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

މޮރީނިއޯ ބުނީ ޗެލްސީއާ އެކު ޗެމްޕިއަނެއްގެ ގޮތުގައި ހުއްޓާ މަގާމުން ވަކިކުރުމުން ވަރަށް ދެރަވި ކަމަށާއި އެކަމަކު ރަނިއޭރީ އަށް ވީ ގޮތުން، އޭނާ އަށް ދިމާވީ އެއްވެސް ކަމެއް ނޫންކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

"ކްލައުޑިއޯ އެ ހޯދި ކާމިޔާބީ އެއްވެސް މީހަކަށް ފޮހެނުލެވޭނެ. މި ސީޒަން ފެށުނީވެސް ބައެއް ކުޅުންތެރިންގެ އަމިއްލަ އެދުމާ އެކު. ބައެއް ކުޅުންތެރިން އާ ކޮންޓްރެކްޓް ބޭނުންވެ، ކްލަބް ދޫކޮށްގޮސް، ގިނަ ފައިސާ ހޯދަން މަސައްކަތްކޮށް އަދި އެ ކުޅުންތެރިން އެ ހިސާބަށް ގެނައި މީހުން މަތިން ހަނދާން ނައްތާލި،" މޮރީނިއޯ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަނިއޭރީ މަގާމުން ވަކިކުރީ ސީނިއާ ބައެއް ކުޅުންތެރިން ވެސް އޭނާއާ މެދު ހިތްހަމަނުޖެހޭތީ އެވެ. މޮރީނިއޯ ބުނީ އެއީ ތެދެއް ނަމަ ނުވަތަ އެކަމުގައި އެއްވެސް ވަރެއްގެ ހަގީގަތެއް ހިމެނޭ ނަމަ، އެއީ ވަރަށް ބޭއިންސާފު އަމަލުތަކެއް ކަމަށެވެ.

މޮރީނިއޯ ވަނީ ލެސްޓާގެ ސްޓޭޑިއަމުގެ ނަން ކްލައުޑިއޭ ރަނިއޭރީ ސްޓޭޑިއަމުގެ ނަމަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.