ރާއްޖޭގެ ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލު ކުރުމަށް ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ އާއި އެހެން މިނިވަން އިދާރާތަކުން ދޭ ޕެންޝަން ސްކީމުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ކަމަށް ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލެސިއޯސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމު ކޮށްގެން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ޕެންޝަން ނިޒާމް މިވަގުތު ހިންގަނީ އެންމެ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ.

ޕެންޝަން ސްކީމު ރާއްޖެ އަށް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ވޯލްޑް ބޭންކްގެ ލީޑް އިކޮނޮމިސްޓް ރޮބާޓް ވިދާޅުވީ، ޕެންޝަން ނިޒާމު ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަވަސް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު 13 އިދާރާއަކުން ޑަބަލް ޕެންޝަން ދެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ސިފައިންނާއި ފުލުހުންނެވެ.

ޑަބަލް ޕެންޝަން ދިނުން ހުއްޓާލުމުގެ އިތުރުން އެންމެ މުއްސަނދި އާބާދީ އަށް ޕެންޝަން ދިނުން ވެސް ހުއްޓާލެވިދާނެ ކަމަށް ރޮބާޓް ވިދާޅުވި އެވެ. އޭރުން ޕެންޝަން ނިޒާމުގެ ތެރެއިން ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕައިނޭންސް ފޯރަމްގައި ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލެސިއޯސް އާއި ޑރ. އައިޝަތު ޝިހާމް އާއި  ޕެންޝަން އެޑްމިނިސްޓްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުޖާތާ ހަލީމާއި ޗެއާޕާސަން އަހުމަދު އިނާޒް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މޯލްޑިވްސް ޕައިނޭންސް ފޯރަމްގައި ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލެސިއޯސް އާއި ޑރ. އައިޝަތު ޝިހާމް އާއި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުޖާތާ ހަލީމާއި ޗެއާޕާސަން އަހުމަދު އިނާޒް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އާބާދީގެ އެންމެ މުއްސަދި 10 ޕަސެންޓު ނުވަތަ 20 ޕަސެންޓަށް ޕެންޝަން ސްކީމުން ފައިދާ ނުވާނެ ގޮތް ހެދިދާނެ،" ރޮބާޓް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އެންމެން ޝާމިލުވާ ގޮތަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފުކުރީ 2009 ގަ އެވެ. އޭގެ ކުރިން ވެސް ދައުލަތުން އައީ ޕެންޝަން ސްކީމުތައް ހިންގަމުންނެވެ. އެ ސްކީމުތައް ހިންގީ މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހަމައެކަނި ދައުލަތުން ކުރާ ހޭދައެއްގެ ގޮތުގަ އެވެ.

ރޮބާޓްގެ ޕްރެޒެންޓޭޝަންގައި ވަނީ ރާއްޖޭގެ ޕެންޝަން ނިޒާމު އެކުލަވައިލުމުގައި އިސްކަން ދެއްވި ކަންކަމާއި ޕެންޝަން ސްކީމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ހުރި ދަތިތަކަށް އަލި އަޅުވައިލައްވައިފަ އެވެ.

"އޭރު 2009 ވަނަ އަހަރު އެކުލަވާލި ޕެންޝަން ނިޒާމުގެ އަސާސްތަކާ މިހާރު ވަނީ ހިލާފުވެފައި. އެންމެ ފުރަތަމަ އައީ އޭގެ ދެތިން އަހަރު ފަހުން އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭން ފެށުން. އެ އަދަދު އޭރު ކަނޑައެޅީ ބޭސިކް ޕެންޝަނުން ލިބޭ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެއް،" އޭނާ ވިާޅުވި އެވެ.

"މިއީ މުޅި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އެޅުނު އެންމެ ބޮޑު ހުރަސް."

ރޮބާޓް ވިދާޅުވީ، އެ އަށް ފަހު އިތުރު، ޑަބަލް ޕެންޝަން ސްކީމުތައް އިތުރުކޮށް، މުޅި ނިޒާމު އިތުރަށް ބުރަހެލި ވެފައިވާ ކަމަށެވެ. މިކަން ހައްލު ނުކޮށް، މުޅި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދަޅުވި އެވެ.